އަބްދުﷲ ޝާހިދު

ސުޕްރީމް ކޯޓުގެ ބެންޗާ ކުޅުމަކީ އެންމެ ބޮޑު އުދުވާނީ ހަމަލާ: ޝާހިދު

އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު -- ފޮޓޯ: އަވަސް
0%
0%
0%

ސުޕްރީމު ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައީސަކު ޝަރުއީ ނިޒާމަށް އަމާޒުކޮށް ދޭނެ އެންމެ ބޮޑު އުދުވާނީ ހަމަލާ ކަމުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން ޝާހިދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހަކާއި ގުޅުންހުރި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ބެންޗު ބަދަލުކުރުމަށް ރައީސް މުއިއްޒު ގާނޫނަށް ބަދަލު ގެންނެވުމަކީ ރައީސަކު ޝަރުއީ ނިޒާމަށް އަމާޒުކޮށް ދޭނެ އެންމެ ބޮޑު އުދުވާނީ ހަމަލާ.

"ރައީސް މުއިއްޒުގެ މި ޣައިރު ޒިންމާދާރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިޝާރާތް ކުރައްވާފައިވާ ދުސްތޫރީ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ހާލަތްތަކެއް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހެވެ. މި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ.

‏ޝާހިދު ވަނީ ދިވެހިރާއްޖެ ބަލައިގެންފައިވާ ތިންބާރު ވަކިކޮށްފައިވާ ޑިމޮކްރެޓިކް ނިޒާމުގެ މިނިވަންކަން ނެތިކޮށް، ބާރުތައް މުށުތެރެއަށްލައި, ޚުދުމުތާރު ވެރިކަމެއް މި ރާއްޖޭގައި ގާއިމުކުރުމަށް، "ގޮނޑިކޮއްކޮ" ސުޕްރީމް ކޯޓެއް އުފެއްދުމަށް ރައީސް މުއިއްޒަށް ފުރުސަތު ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގޮވާވެސް ލައްވާފަ އެވެ.

‏ޝަރުއީ ދާއިރާއާއި ދެކޮޅަށް ރައީސް މުއިއްޒު ހިންގަވާ ބޮޑު ޖަރީމާއާއި ދެކޮޅަށް މުޅި ޝަރުއީ ދާއިރާއާއި, ހުރިހާ ރައްޔިތުން ތެދުވުމަށްވެސް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.

‏"ޚުދުމުޚްތާރު ވެރިކަމަށް ދިވެހި ރައްޔިތުން ޖާގައެއް ނުދޭނެ،" ޝާހިދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910