ރާއްޖެއިން ދެ ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުންގެ ނަން ހުށަހަޅައިފި އެވެ.
އެ މަގާމުތަކަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް މަޖިލީހުގައި މިއަދު ވަނީ އިއްވާ އެވެ. އަދި އެ ނަންތައް ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.
ރަޝިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި ގ.ކަނޑިތޮޅިއާގެ، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
މޮރޮކޯ ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަންކުރަން ހުށަހެޅުއްވީ މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އަހުމަދު ސަރީރު، މ. ވެސްޓްސައިޑް އެވެ.
މޮރޮކޯގެ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސަރީރު އައްޔަންކުރަން މަޖިލީހުން ރުހުން ހޯދަން ފޮނުވާފައިވާއިރު މިސްރާއި ކުވެއިތަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ސަރީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.