އެމެރިކާ ސަރުކާރުގެ އެހީތެރިކަމާ އެކު ހިންގަމުން ދިޔަ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް)ގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމައިފި އެވެ.
ޔޫއެސްއެއިޑުން ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހުގެ ރޭ 11:59 އިން ފެށިގެން، މުހިއްމު މަސައްކަތްތަކަށް ޒިންމާވާ އިސް މުވައްޒަފުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުން "އިދާރީ ޗުއްޓީއަކަށް" ފޮނުވުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އެމެރިކާގެ އެތެރޭގައި މަސައްކަތްކުރާ 1,600 އަށް ވުރެ ގިނަ ޔޫއެސްއެއިޑްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ބުންޏެވެ.
އެމެރިކާ ސަރުކާރުގެ މި ނިންމުމަކީ ޓެކް ބިލިއަނަރު އީލޮން މަސްކްގެ ޑިޕާޓްމަންޓް އޮފް ގަވާންމަންޓް އެފިޝެންސީގެ އިސްނެގުމުގެ ދަށުން ގެންނަ ބަދަލެކެވެ. މަސްކް އަދި ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވަނީ ޔޫއެސްއެއިޑްގައި އިސްރާފު އާންމުވެފައިވާ ކަމަށާއި އެ އެޖެންސީގެ މެންޑޭޓުގެ ބޭރުންވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ނަމަވެސް މި ނިންމުމާ ދެކޮޅަށް ޔޫއެސްއެއިޑްގެ ކުރީގެ އިސްވެރިންނާއި އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގެންދަނީ އަޑު އުފުލަމުންނެވެ. މި އެޖެންސީ އުވާލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މިލިއަނުން ގުނާލެވޭ ނިކަމެތިންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށްވެސް އަޑުއުފުލާ މީހުން ދަނީ ބުނަމުންނެވެ.
ޔޫއެސްއެއިޑުން ބުނި ގޮތުގައި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ އެ އެޖެންސީގެ މުވައްޒަފުން އަނބުރާ އެމެރިކާއަށް ދަތުރުކުރުމުގެ ހަރަދުތައް ހަމަޖައްސައިދޭނެ އެވެ. އަދި އެ މުވައްޒަފުން އެމެރިކާއަށް އަންނަން ދެން، އެ އެޖެންސީގެ ސިސްޓަމްތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.