ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފި އެވެ.
ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި 144 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި 113 ހިއްސާދާރުން އަދި 36 ހިއްސާދާރުންގެ ޕްރޮކްސީ ދީފައިވާ ފަރާތްތައް ހިމެނެ އެވެ.
ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިންގް މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށެވެ. 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ހަތަރު ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
ޖަލްސާއިން ފާސްކުރި ކަންކަން
- 2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން.
- 2024 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން.
- 2025 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
- 2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
ދިރާގުން މިދިޔަ އަހަރު ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ވަނީ ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ސާވިސް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައިވާ ފަރާތުގެ މަގާމު އިތުރަށް ވަރުގަދަކޮށް، 100 ޕަސެންޓް މޮބައިލް ކަވަރޭޖްއާ އެކު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ވަނީ ފޯރުކޮށްދީފަ އެވެ.
އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް މޮބައިލް ނެޓްވޯކް" ގެ އެވޯޑް ވިދިވިދިގެން ތިން ވަނަ އަހަރު ހޯދުމުގެ އިތުރުން މިދިޔަ އަހަރު ދިރާގުން ވަނީ އާބާދީގެ 60 ޕަސެންޓަށް 5ޖީ ހިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުން ބައިނަލްއަގުވާމީ ގޮތުން ހޯދައިފައިވާ ސެޓިފިކޭޝަންތައް
- އައިއެސްއޯ އައިއީސީ ސެޓްފިކެޓް އައުކޮށް ބައިނަލް އަޤްވާމީ ސެކިއުރިޓީ މެނޭޖްމަންޓް މިންގަނޑު ދެމެހެއްޓުން.
- ދިރާގުގެ ޑޭޓާ ސެންޓަރަށް ޓިއާ 4 ގެ ސެޓިފިކޭޝަން ހޯދުން.
- އޭއެންއެސްއައި ޓީއައިއޭ 942 ސީ ގެ ލެވެލް 4 ގެ ސެޓިފިކެޓް ހޯދައި ރާއްޖޭގައި މިފަދަ އިންފްރާސްޓްރަކްޗަރަލް އަދި ރިލައިބިލިޓީ ޔަގީން ހިދުމަތްތައް ފޯރުކޮށްދޭ ފުރަތަމަ ސާވިސް ޕްރޮވައިޑަރުގެ މަގާމް ހޯދުން.
- ސައުތު އީސްޓް އޭޝިޔާ، މިޑްލް އީސްޓް އަދި ވެސްޓަން ޔޫރަޕާއި ރާއްޖެ ގުޅާލަދޭ ސީމީވީ6 ސަބްމެރީން ސިސްޓަމް ރާއްޖެއާ ގުޅާލައި، މުޅި ދުނިޔެއާ އޮތް ޑިޖިޓަލް ގުޅުން އިތުރަށް ވަރުގަދަ ކުރުން.
ދިރާގަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނެވެ.
މިއީ 2023 ވަނަ އަހަރާއި އަޅައިބަލާއިރު 5.9 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަޕްރައިސް ސެގްމަންޓްގެ ޕާފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ 5.1 ޕަސެންޓްގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ހޯދައި، 2023 އަށް ވުރެ 5.5 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ.
ދިރާގުން ވަނީ ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 2024 ވަނަ އަހަރު 574 މިލިއަން ރުފިޔާ ހަރަދުކޮށް، ނެޓްވޯކް ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވެ އެވެ.
ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފަ އެވެ.
މީގެ ތެރޭގައި، 2024 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެ އެވެ.