ހަބަރު

ދެކުނު އޭޝިއާ އިން ފުރަތަމަ ފަހަރަށް ޒިކާ ވައިރަސް ފެނިއްޖެ

ދެކުނު އެމެރިކާގައި ހަލުވި ދުވެއްޔެއްގައި ފެތުރެމުން އައިސް ޒިކާ ވައިރަސް ދެކުނު އޭޝިޔާ އާ ހަމައަށް ފެތުރިއްޖެ އެވެ. ނުރައްކާތެރި ޒިކާ ވައިރަސް އެންމެ ފަހުން ބަންގްލަދޭޝް އިންވެސް ފެނިއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ބަންގަލަދޭޝް އިން ޒިކާ ވައިރަސްގެ ފުރަތަމަ ކޭސް ރިޕޯޓު ކޮށްފައެވެ. ބަންގްލަދޭޝް އިން ޒިކާ ވައިރަސް ފެނިފައިވަނީ 67 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން ރިޕޯޓުކުރާ ގޮތުގައި އެމީހާ އަކީ ދެކުނު އިރުމަތީގައި އޮންނަ ޗިއްތާގޮންގް ގެ ޕޯޓް ސިޓީއެއްގައި އުޅޭ މީހެއް ކަމަށާއި އެމީހާގެ އާއިލާ އެންމެން ވެސް މިހާރު ޒިކާ ވައިރަހަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުންގެ ޓެސްޓް ވަނީ ޒިކާ ވައިރަހަށް ޕޮޒިޓިވް ނުވާކަމަށް ދައްކާފަ އެވެ.

މަހްމޫދުއް ރަހްމާން ކިޔާ މި މީހާ އަކީ މިހާތަނަށް ބަންގްލަދޭޝް އިން ބޭރަށް އެހެން ގައުމަކަށް ގޮސްފައި ނުވާ މީހެއް ކަމަށްވެ އެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ މި ބަލި ވަނީ ހަލުވި ދުވެއްޔެއްގައި ބްރެޒިލް އަދި ދެކުނު އެމެރިކާގައި ފެތުރިފަ އެވެ. އަދި އޮސްޓްރޭލިއާ އާއި ކޮލަމްބިއާ އިންވެސް މި ވައިރަސް ވަނީ ފެނިފަ އެވެ. އަދި އޭޝިޔާގެ ބައެއް ގައުމުތަކުންވެސް ޒިކާ ވައިރަސް ވަނީ ފެނިފަ އެވެ.

ޒިކާ ވައިރަހަކީ އޭގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ ސިކުނޑި ހެދި ބޮޑުވުމަށް ހުރަސް އަޅާ މައިކްރޯސެފަލީ ކިޔާ ބައްޔެއް ޖެހޭ ވައިރަހެކެވެ. މި ބައްޔަކީ މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައިނުވާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ އަށް ހުން އައުމާއި ހަންގަނޑު ހަލާކުވެ ބިހި ފަދަ ތަކެތި ނެގުން ހިމެނެ އެވެ.

ޒިކާ ވައިރަސް އަދަޔާ ހިލާފަށް ބާރަށް ފެތުރެމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް އާންމު ހެލްތް އެމަޖެންސީއެއް އިއުލާންކޮށް، އިތުރަށް ސަމާލުވުމަށް އަންގާފަ އެވެ.