ދިރާގުގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައި ދިރާގު ފިންޓެކްގެ އީ ވޮލެޓް "ދިރާގުޕޭ"ގެ އާ ޕްލެޓްފޯމް މުޅިން އާ ފީޗާތަކަކާއެކު ލޯންޗްކޮށްފި އެވެ.
މި ޕްލެޓްފޯމް ލޯންޗްކުރުމަށް ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށް ދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ގަވަރުނަރު މުނައްވަރު ވަނީ ދިވެހިރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށް ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ބޭންކުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭން އެންމެ އެކަށީގެންވާ ފަރާތަކީ ދިރާގު ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި ދެ ފަރާތް އެއްކޮށް މަސައްކަތް ކޮށްގެން، ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.
މި ހަފްލާގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އަދި ދިރާގު ފިންޓެކްގެ ޗެއާމަން އިސްމާއިލް ރަޝީދު ވިދާޅުވީ ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ދިރާގުޕޭގެ ޕްލެޓްފޯމް މިހާރު ސޮފިސްޓިކޭޓެޑް ޕޭމަންޓް ސިސްޓަމަކަށް އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ.
ދިރާގުގެ ނެޓްވޯކްއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކްކަމަށް ފަހުރުވެރިކަމާއެކު ފާހަގަކުރެއްވި އެވެ.
އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި ދިރާގުގެ ދެން އޮތް އަމާޒަކީ، ކަސްޓަމަރުންނާ، ވިޔަފާރިތަކާ، މުޖުތަމައުއަށް، އިތުރު ޑިޖިޓަލް ހިދުމަތްތައް ތައާރަފްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ތަނަވަސްކޮށްދީ، ގައުމު އިތުރަށް ކުރި އެރުވުމެވެ. އެހެންކަމުން، ދިރާގުޕޭ އަށް މި ގެނައި ބަދަލުތަކަކީ ދިރާގުން ބޭނުންވާ މިސްރާބަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
ދިރާގުޕޭ އަށް ގެނެސްފައިވާ ބަދަލުތަކާ ބެހޭގޮތުން ދިރާގު ފިންޓެކްގެ މެނޭޖިން ޑިރެކްޓަރު ފަޒްލީނާ ފާކިރު ވިދާޅުވީ ދިރާގުޕޭ އަށް ގެނައި އަޕްގްރޭޑަކީ ދިވެހިރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.
ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ވެސް ބޭނުންކުރެވޭނެ ޕްލެޓްފޯމެއް ކަމަށް ފަޒްލީނާ ވިދާޅުވި އެވެ. މީގެ އިތުރުން، ދިރާގުޕޭގެ ތަސައްވުރަކީ ފިންޓެކް ސޮލިއުޝަންތައް އެއްވެސް ބަޔަކު ބާކީ ނުކޮށް، ހުރިހާ ފަރާތްތަކަށް ވެސް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވި އެވެ.
އަޕްގްރޭޑްކޮށްފައިވާ ދިރާގުޕޭގެ އާ ޕްލެޓްފޯމް އިން މިހާރު ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ހިމެނެ އެވެ. އަދި، ކުރީގެ ޕްލެޓްފޯމް ބޭނުން ކުރަމުން ދިޔަ ފަރާތްތަކުގެ އެކައުންޓްގައި ބާކީ ހުރި ފައިސާ، ރައްކާތެރިކަމާއެކު އާ ޕްލެޓްފޯމަށް މައިގްރޭޓް ކުރެވިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގު ފިންޓެކް އަކީ، ދިވެހިރާއްޖޭގެ މާލީ ނިޒާމުގައި ހިމެނޭ ގޮންޖެހުންތަކަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން 2023 ވަނަ އަހަރު އުފައްދައިފައިވާ، ސައްތައިން ސައްތަ ދިރާގު ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏެކެވެ.
އެމްއެމްއޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރައިގެ ޚިދުމަތް ތައާރަފްކުރުމާއެކު، ދިރާގު ފިންޓެކް ވެގެން ގޮސްފައި ވަނީ ބޭންކު ނޫން ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅުނު ފުރަތަމަ ފަރާތަށެވެ. ދިވެހިރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ބިނާކުރުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މި ކުންފުނި ދަނީ ހަރަކާތްތެރިވަމުންނެވެ.