ސަރުކާރުން މިއަދު އިއުލާން ކުރި ފްލެޓް ލިސްޓް އެކުލަވާލުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދަ ޔަގީންކަމެއް ދެއްވީ އިއްޒުއްދީން ފާލަން މަރާމާތު ކުރުމަށްފަހު މިރޭ އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ނިމެމުން ދަނިކޮށް އެ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 8،660 މީހުންނެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓު ލިބެނީ 1,423 މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބިގެން ފްލެޓް ލިބެނީ 397 މީހުންނަށެވެ. އެކަމަކު ރައީސް ސޯލިހްގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ގޮތުގައި 3,721 މީހުން އަދި ދެ ކޮޓަރި ފްލެޓް ލިބޭ މީހުންގެ ގޮތުގައި 1,218 މީހުން ހިމަނާފައިވެ އެވެ.
ރައީސް ވިދާޅުވީ މިއަދު އިއުލާން ކުރި ލިސްޓް އާންމުކޮށްފައިވަނީ މިދިޔަ ސަރުކާރުން އިއުލާން ކުރި ލިސްޓުގައި ހުރި މައްސަލަތައް އޭސީސީ އިން ބަލައި، އެ ސަރުކާރުން އިއުލާން ކުރި ޝަރުތުތަކަށް ޕޮއިންޓް ދޭން ކަނޑައަޅާފައިވާ އުސޫލަށް ބަލައިގެން ކަމަށެވެ. ލިސްޓުން ބަޔަކު އުނިވެފައިވާނަމަ، އެ އުނިވީ ސަބަބުތައް ޕޯޓަލް ތެރެއިން އެނގެން ހުންނާނެ ކަމަށާއި ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކުރައްވާފައި ނުވާނޭ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަން ހުރެ، ހަމަހަމަކަމާއި ލޯތްބާއި އަދުލުވެރިކަމާއެކު ހިދުމަތްކުރަން އައި ސަރުކާރެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއީ އެމަނިކުފާނަށް ގެދޮރުވެރިކަމުގެ މައުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެކި ސަބަބުތަކާ ހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަނޑައަޅާފައިވާ އުސޫލުން ޝަކުވާ ހުށަހެޅުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގުވެރީންނަށް ފްލެޓް އެކަށައެޅުމަށްފަހު، ބާކީ ފްލެޓް ހުރިނަމަ، މި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވެވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިހާރު ނެރެފައިވާ ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުސަތު މާލަސްތަކެއް ނުވެ ފަހިވެގެންދާނެ ކަމަށެވެ.