ހަބަރު

އަމިއްލައަށް ހިދުމަތް ލިބިގަނެވޭ މެޝިނެއް އައިޖީއެމްއެޗްގައި ބަހައްޓައިފި

އަމިއްލައަށް ބައެއް ހިދުމަތްތައް ލިބިގަނެވޭ މެޝިނެއް އައިޖީއެމް ހޮސްޕިޓަކުގައި ގާއިމްކޮށް ހިދުމަތްދޭން ފަށައިފި އެވެ.

"ސެލްފް ސާވިސް ކިއޯސްކް"ގެ ހިދުމަތްދޭން ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މި ހިދުމަތް ފެށުމަށް މިއަދު އައިޖީއެމްއެޗުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލުގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ މި ހިދުމަތަކީ އެހޮސްޕިޓަލުން ދޭ ހިދުމަތްތައް ލިބިގަތުމުގައި އާއްމު ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ގޮތެއް ހަމަޖައްސައިދިނުމަށް ތައާރަފުކުރި ހިދުމަތެއް ކަމަށެވެ.

ޝަހީރު ވިދާޅުވީ މި ހިދުމަތް އެންމެ ކިއޯސްކް އަކުން ފެށި ނަމަވެސް އާއްމުންގެ ފަރާތުން ލިބޭ ކޮމެންޓުތަކަށް ބެލުމަށްފަހު އިތުރު ކިއޯސްކްތައް ބަހައްޓާނެ ކަމަށެވެ.

މި ސެލްފް ސާވިސް ކިއޯސްކުން ލިބޭ ހިދުމަތްތަކަށް ބަލާއިރު އެޕޮއިންޓްމެންޓް ހެއްދުމާއި، އެޕޮއިންޓްމެންޓް ހެއްދުމަށް ނަން ނޯޓްކޮށްފައިވާ ނަމަ އެކަން އޮތް ހިސާބެއް ބެލުން އަދި މެމޯ ހެއްދުން ހިމެނެ އެވެ. އަދި އެކްސްރޭ، އެމްއާރްއައި އަދި ލެބޯޓްރީ ޓެސްޓްތަކުގެ ނަތީޖާ ރިޕޯޓް ތައްޔާރުވެފައި އޮތްތޯ ބެލުމާއި އެ ޗާޕް ކުރުމުގެ އިތުރުން ޑޮކްޓަރުންގެ ޑިއުޓީ އޮތް ގޮތްވެސް ބެލޭނެ އެވެ.

އައިޖީއެމްއެޗުން ބުނީ މި ކިއޯސްކުން ހިދުމަތް ލިބޭނީ ރަޖިސްޓްރީ ކޮށްގެން ކަމަށާއި ރަޖިސްޓްރީ ކުރަން ކިއޯސްކްގައިވާ އައިޑީކާޑް ބާއްވަން ހާއްސަކޮށްފައިވާ ތަނުގައި ބޭއްވުމުން ރަޖިސްޓްރީ ކުރުމުގެ އޮޕްޝަން ސްކްރީނުން ފެންނާނެ ކަމަށާއި ރަޖިސްޓްރީ ކުރެވުމުން ޕިން ނަމްބަރެއް، އެސްއެމްއެސް ރަޖިސްޓްރީކޮށްފައިވާ ނަމްބަރަށް ލިބޭނެ ކަމަށެވެ.