ހަބަރު

"ބިތުފަންގި" ގައި އައިޖީއެމްއެޗްގެ ނަން ބޭނުންކުރި މައްސަލަ ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަނުން، ކޮރަޕްޝަނާ ދެކޮޅަށް ހަދާފައިވާ "ބިތުފަންގި" ޑްރާމާ ސިލްސިލާގައި އައިޖީއެމްއެޗްގެ ނަން ބޭނުންކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގައި މާބަނޑު މީހުންނަށް ހާއްސަ ހަކުރު ބަލީގެ ކްލިނިކެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، އައިޖީއެމްއެޗަކީ ރާއްޖޭގައި ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ ބޮޑު މުއައްސަސާއަށްވެފައި ފިކްޝަނަލް ވާހަކަތަކޭ ކިޔައިގެން ހޮސްޕިޓަލްގެ އަގު ވައްޓާލައިގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށާއި ޑިފެމޭޝަން ލޯގެ ދަށުން އަދި ސިއްހީ ހިދުމަތާ ބެހޭ ގާނޫނުތަކުގެ ދަށުން އެކަމަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.

"ފިކްޝަނަލް ޝޯއެއްގެ ގޮތުގައި ބިތުފަންގި ގެެނެސްދިން ނަމަވެސް އައިޖީއެމްއެޗްގެ ނަން އޭގައި ބޭނުމެއް ނުކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗާއި އެތަނުގެ ޑޮކްޓަރުން އަދި އެހެން މުއައްޒަފުންގެ އަގު ވައްޓާލުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ބިތުފަންގި ޑްރާމާގައި އައިޖީއެމްއެޗްގެ ނަން ބޭނުންކޮށްފައިވާ ގޮތުން ތަނުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން މުއައްޒަފުން ބަދުނާމުވާ ކަމަށެވެ.

އިރުތިޝާމް ވަނީ އައިޖީއެމްއެޗްގެ މުއައްޒަފުންގެ މަސައްކަތްތަކަށް ގޮންޖަހާ، މީޑިއާތަކުން ރިޕޯޓް ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.