އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" -- 2024 ގެ ތިންވަނަ ކުއާޓަރުން ހަތަރުވަނަ ކުއާޓަރަށް ދިރާގަށް ލިބިއްޖެ އެވެ.
މި އެވޯޑް ދީފައި ވަނީ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މިއީ މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދައެއް ގްލޯބަލް ޕްލެޓްފޯމެވެ.
ދިރާގުން ސިފަކުރި ގޮތުގައި މި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ އެވެ.
މި ގޮތުން 2019 އަހަރު ދިރާގަކީ ސައުތު އޭޝިއާ އަދި ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސާވިސް ޕްރޮވައިޑަރެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވޯކް ފޯރުކޮށްދީފަ އެވެ.
ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެ ވަޑައިގެންނެވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު އަދި އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދު އެވެ.
މި ފަހުރުވެރި ކާމިޔާބީއާ ގުޅިގެން ދިރާގުގެ ސީއީއޯ ވިދާޅުވީ އޫކްލާއިން ދޭ "ފާސްޓަސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"މި ކާމިޔާބީން ދައްކުވައިދެނީ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ. އަޅުގަނޑުމެންގެ އަލްޓްރާ-ފާސްޓް 5ޖީ އާއެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެގެން ގޮސް، ކުރިއެރުމަށް އެހީތެރިވެގެންދާނެ. ދިރާގުން ދާނީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ޑިޖިޓަލް އިނޮވޭޝަންގެ ގޮތުން ރާއްޖެ އެންމެ ކުރީ ސަފުގައި ދެމިތިބުމަށް މަސައްކަތްކުރަމުން،" ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު ވިދާޅުވި އެވެ.
އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓިން އެޕްލިކޭޝަންތަކާއި ޑޭޓާ އަދި އެނަލިސިސްގެ ދާއިރާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައި ހަރަކާތްތެރިވާ ފަރާތެކެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ އެތައް ސަތޭކަ މިލިއަން މައުލޫމާތެއް އެއްކުރެ އެވެ.
ދިރާގުން ވަނީ އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް ނެޓްވޯކް" އެވޯޑް، ވިދިވިދިގެން ތިން އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވޯކްގެ ގޮތުގައި ވެގެން ގޮސްފަ އެވެ.
މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.