ދުނިޔެ

ނޭޓޯގެ މެމްބަރުކަމާ ނުލައި ޔުކްރޭނަށް ރައްކާތެރިކަން ދެވިދާނެ: އިޓަލީ

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ (ކަނާތުގައި) އަދި ޔުކްރޭންގެ ރައީސް ޒެލެންސކީ -- ނޭޓޯގެ މެމްބަރުކަމާ ނުލައި ޔުކްރޭނަށް ރައްކާތެރިކަން ދެވިދާނެ ކަމަށް މެލޯނީ ވިދާޅުވި
0%
0%
0%

ޔުކްރޭން ރައްކާތެރިކުރުމަށް ނޭޓޯއަށް ކުރެވިދާނެ ކިތަންމެ ކަމެއް ހުރި ކަމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވެއްޖެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނޭޓޯގެ މެމްބަރުކަމާ ނުލައިވެސް، ޔުކްރޭނަށް ނޭޓޯގެ އަސްކަރީ ހިޔާވަހިކަން ދެވިދާނެ އެވެ.

ޔުކްރޭންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޔޫރަޕްގެ ސުލްހަ ބަލަހައްޓާ ފައުޖުތައް ޔުކްރޭނަށް ފޮނުވުމަކީ ދުރު ވިސްނުމަކުން ވިސްނާއިރު ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ޔޫރަޕްގެ އިއްތިޔާދީ ބާރުތައް ގުޅިގެން ޔުކްރޭންގެ އަސްކަރިއްޔާ ބެލެހެއްޓެމަކީ އެންމެ ރަނގަޅު ގޮތް ކަމަށް މެލޯނީ ވިދާޅުވި އެވެ.

ބުރްސެލްސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މެލޯނީ ވިދާޅުވީ، ޔޫރަޕިއަން ޔޫނިއަންގެ ކުޑައިގެ ދަށުގައި ޔުކްރޭން ބޭއްވުމަށް އިއްތިހާދީ ބާޜުތަކުން އެކައްޗެއް ކިޔުން ބުއްދިވެރި ކަމަށެވެ.

ޔުކްރޭނަށް ނޭޓޯގެ މެމްބަރުކަން ދެވޭނެ ދުވަހެއް އިއްތިހާދީ އެއްވެސް ބާރަކަށް ނޭނގޭ ކަމަށް މެލޯނީ ވިދާޅުވި އެވެ. އެހާ ދުވަސް ވަންދެން ޔުކްރޭން އޮޔަށް ދޫކޮށްލާފައި ނުބޭއްވޭނެ ކަމަށްވެސް އިޓަލީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ޔުކްރޭނަށް ނޭޓޯގެ ފުރިހަމަ މެމްބަރުކަން ދިނުމާ މެދު ޔޫރަޕްގެ އިއްތިހާދުގައި ވެސް އޮތީ ޚިލާފު އުފެދިފަ އެވެ. އަނެއްކޮޅުން، އެމެރިކާގައި މިހާރު އޮތް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ޔޫރަޕްގެ މި ވިސްނުމަށް ތާއީދެއް ނުކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުން ޔުކްރޭނަށް ނޭޓޮގެ މެމްބަރުކަން ދިނުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

ޔުކްރޭނަށް ނޭޓޯގެ މެމްބަރުކަން ދިނުމުގައި، އެއަށް ވުރެ މުހިންމު ނިންމުންތަކެއް ނިންމަން ޖެހޭ ކިތަންމެ ކަމެއް ހުރި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޖޯޖިއާ މެލޯނީ ދެކެވަޑައިގަންނަވާ ގޮތުގައި ޔުކްރޭންގެ އަސްކަރިއްޔާ އަމިއްލަ ފައިމައްޗަށް ކޮޅަށް ޖެހުމަކީ ޔޫރަޕަށް މަޖުބޫރު ކަމެކެވެ.

ޔޫރަޕްގެ ގައުމުތައް ވަކިވަކިން އެހީތެރިވުމަށް ވުރެ ގުޅިގެން ވަކި ޖަމާއަތެއްގެ ގޮތުގައި ވެދޭ އެހީތެރިކަމުން ކުރާ މަންފާ ބޮޑުވާނެ ކަމަށްވެސް މެލޯނީ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910