އެމްއެމްއޭ

ބޭންކްތަކުން މިހާރު ވެސް ހަފްތާއަކު ހަތަރު މިލިއަން ޑޮލަރު ވިއްކާ: ގަވަރުނަރު

Mar 24, 2016
މާޅިޔަތު ކޮމިޓީ ތެރެއިން އެމްއެމްއޭގެ ގަވަނަރު އާޒިމާ އާދަމް ވާހަކދައްކަވަނީ. އަވަސް ފޮޓޯ: މުހައްމަދު އަޒާން
0%
0%
0%

ބްލެކް މާކެޓު ތެރެއިން ޑޮލަރު ވިއްކުމުގެ މައްސަލަ ކުޑަ ކުރުމަށް ރާއްޖޭގެ ބޭންކުތަކަށް މިހާރު ވެސް ކޮންމެ ހަފްތާއަކު 4.3 މިލިއަން ޑޮލަރު ދޫ ކުރާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ ގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އަގު ބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލަގައި ރައްޔިތުން މަޖިލީހުގެ މާލިޔަތު ކޮމިޓީއަށް މިރޭ ގަވަނަރު އަޒީމާ ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެކަމަނާ ވިދާޅުވީ، އެމްއެމްއޭ އިން އަބަދުވެސް ރާއްޖޭގެ ބެންކުތަކަށް ކޮންމެ ވެސް ވަރަކަށް ޑޮލަރު ވިއްކަމުންދާ ކަމަށެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރުގެ ފަހުކޮޅާ ހަމައިން ހަމައިން ހަތަރު މިލިއަން ޑޮލަަރަށް އެ އަދަދު އިތުރުކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

އެގޮތުން މިދިޔަ އަހަރު ބޭންކުތަކަށް 213 މިލިއަން ޑޮލަރު އަދި ސަރުކާރުގެ ކުންފުނިތަކަށް 148 މިލިއަން ޑޮލަރު ވިއްކި އިރު ސަރުކާރުގެ ލޯނުތައް އަދާކުރުމަށް 157 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު އެއީ، ޖުމްލަ 518 މިލިއަން ޑޮލަރު ކަމަށް އަޒީމާ ވިދާޅުވި އެވެ.

އެއަހަރު މެދުތެރޭގައި، ބޭރަށް ދަތުރު ކުރާ ފަރާތްތަކަށާއި މެޑިކަލް އަދި ކިޔަވަންދާ ކުދިންނަށް ހާއްސަކޮށް އިތުރު އެއް މިލިއަން ޑޮލަރު ވަކިން ވިއްކަން ނިންމާފައިވާނެ ކަމަށް އަޒީމާ ވިދާޅުވި އެވެ. އަޒީމާ ވިދާޅުވީ ބެންކުތަކަށް ވިއްކާ ޑޮލަރު އާމުންނަށް ވިއްކުމަށް ފަހު އޭގެ ފުރިހަމަ މައުލޫމާތު ބެންކުތަކުން އެމްއެމްއޭއާ ހިއްސާ ކުރާ ކަމަށާއި އަދި އެމްއެމްއޭ އިން ދޫކުރި ފައިސާ އިތުރު ވާނަމަ ޖެހިގެން އަންނަ ހަފްތާގެ ޑޮލަރުން އެބައި އުނި ކުރަމުންދާ ކަމަށެވެ.

"ދެން މިހާތަނަށް ހަތަރު މިލިއަން ޑޮަލަރު ހަފްތާއަކު ދެމުންދާ އިރު ޗުއްޓީ ނޫނީއާ އެހެން ވެސް ޑޮލަރަށް ޑިމާންޑު ހައިވާ ދުވަސްތަކުގައި އިތުރަށް ބެންކު ތަކަށް ވިއްކަން އޭގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ކުދި ވިޔަފާރި ވެރިންނަށް ޑޮލަރު ލިބުމުގެ ދަތިކަން އަންނާތީވެ އިތުރަށް މިލިއަނެއް ވިއްކިން،" އަޒީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮލަރުގެ މައްސަލަ އެކީ ހަމަޔަކަށް އެޅުވުމަށް ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލަށް މިހާރަށް ވުރެވެސް ބޮޑެތި ބަދަލުތަކެއް އަންނަން ޖެހެ އެވެ. އެގޮތުން މާލީ ދާއިރާއަށް އޮންނަ އިތިބާރު އިތުރުކޮށް އެގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށް އަޒީމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސެކްޓާ ކަމަށްވާ، ރިސޯޓް އޯނަރުން ރާއްޖޭގައި ފައިސާ ނުބަހައްޓާ ބޭރަށް ގެންދާ މައްސަލަ ގަދަކަމުން ހައްލު ނުކުރެވޭނެ ކަމަށެވެ. އޭގެ ބަދަލުގައި އެ ފައިސާ އިންވެސްޓް ކުރެވޭނެ ގޮތްތަކެއް ރާއްޖޭގައި ހަމަޖެހިފައި އޮވެގެން ނޫނީ އެ ފައިސާ ރާއްޖޭގައި ނުހިފެހެއްޓޭނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"ފައިނޭންޝަލް ޕްރޮޑަކްޓްތަކެއް އަންނަން އެބަ ޖެހޭ. އިންވެސްޓް ކުރުމަށް އެބަ އިތުބާރު އުފައްދަން ޖެހޭ. މި ފައިސާ ބޭރަށް ނުގޮސް ހިފެހެއްޓުމަކީ ގަދަކަމުން ކުރެވޭނެ ކަމެއް ނޫން. އެގޮތަށް އެކަމެއް ނުކުރެވޭނެ. އަޅުގަނޑުމެން ޖެހޭނީ މާލީ ދާއިރާއަށް އޮންނަ އިތުބާރު އިންވެސްޓާ ކޮންފިޑެންސް އިތުރު ކުރަން. އެކަމަށް ވަގުތު ނަގާނެ،" ގަވަރުނަރު ވިދާޅުވި އެވެ.


މިރޭގެ ކޮމިޓީއަށް ފުލުހުން ވެސް ހާޒިރު ކުރަން މާލިޔަތު ކޮމިޓީ އިން ނިންމަވާފައިވާ އިރު އެފަރާތުންނެއް ހާޒިރެއް ނުވެއެވެ. އެމްއެމްއޭ ފަރާތުން އަޒީމާގެ އިތުރުން ދެން ވަޑައިނެންނެވީ އެސިސްޓަންޓް ގަވަނަރު ނީޒާ އިމާދް އަދި މަރިޔަމް ހުސެންދީދީ ގެ އިތުރުން ކައުންސިލަރ ޖެނަރަލް ޝީޒާ އަހުމަދު އެވެ.

މައްސަލަ ހުށަހެޅުއްވި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ފާޅުގައި ބައެއް ފަރާތްތަކުން ޑޮލަރު އަގު ބޮޑުކޮށް ވިއްކަމުންދާ ކަމަށާއި އެކި ބެންކުތަކަށް ޑޮލަރު ގަންނަން ދިޔުމުން ޑޮލަރު ވިއްކަނީ އެކި އަގަށް ކަމަށެވެ. އަދި ޑޮލަރު ވިއްކުމުގެ ހުއްދަ ނަގާފަ ހުންނަ ފަރާތްތަކުން ވެސް އެ ފައިސާ އަގު ބޮޑުކޮށް ވިއްކުމަކީ ހުއްދަ ކަމެއްތޯއާއި އެކަމަށް ގެނެވޭނެ ހައްލަކީ ކޮބައިކަން އާމިރު ސުވާލު ކުރެއްވި އެވެ.

ވިލިފުށި ދާއިރާގެ ފާހަގަ ކުރެއްވީ ޑޮލަރު ލިބޭ ފަރާތްތަކުން ލައިސެންސް ނެތި ކަޅު ބާޒާރުގައި ފައިސާތަށް ދޫކުރާ ކަމާއި އެކަން ހުއްޓުވޭނެ ގޮތްތަކެއް ހޯދައި ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި އެމްއެމްއޭއިން ބެންކުތަކަށް ޑޮލަރު ދޫކުރުމުން ދެން އެފަރާތްތައް އަމަލު ކުރަނީ އެންމެ ރަނގަޅަށްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910