ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން "ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގެ ނަމުގައި ގޭމިން މުބާރާތެއް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.
މި މުބާރާތަކީ ޑީޖީޖީ އިން އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ ގޭމިން މުބާރާތެވެ. ދިރާގާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމްކުރާ ގޭމްކުއެސްޓް-އައްޑޫ އެޑިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން 17 އަށް އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގަ އެވެ.
ދިރާގުން ބުނި ގޮތުގައި މިއީ އައްޑޫ ސިޓީގައި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. މި ގޮތުން އައްޑޫ ސިޓީއަށް ނިސްބަތްވާ އަލަށް ގޭމް ކުޅެން ފަށާ ގޭމާސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމާސް އަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
"ގޭމްކުއެސްޓް-އައްޑޫ އެޑިޝަން" ގައި ހިމެނޭ ގޭމްތަކުގެ ތެރޭގައި، އީއޭއެފްސީ 25 އަދި ވީއާރް ސިމިއުލޭޝަން ގޭމްތައް ހިމެނެ އެވެ. އީއޭއެފްސީ 25 މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ގޭމާސްއަށް ޖުމްލަ 10،000 ރުފިޔާގެ ޕްރައިޒްޕޫލެއް ވަނީ ކަނޑައަޅައިފަ އެވެ.
މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ގޭމަރުންނަށް، ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ. ރަޖިސްޓަރީކުރުމުގެ ސުންގަޑިއަކީ މިމަހުގެ 13 ވަނަ ދުވަހެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮތުން، މި އަހަރު ޑީޖީޖީއިން ވަނީ ޑީޖީޖީގެ ސީސަން 1 ލޯންޗްކޮށް "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2025" އިއުލާނުކޮށް، ވާދަވެރި ގޭމިންގެ މުޅިން އާ މުބާރާތްތަކެއް ތައާރަފްކޮށްފަ އެވެ.
ޑީޖީޖީ އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ޑީޖީޖީ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.