ހަބަރު

ފުލުހަކަށް ހަމަލާދީފި ނަމަ، އެކަމާ ދެކޮޅަށް ހުރިހާ ފުލުހުން ނިކުންނާނެ: ކޮމިޝަނަރު

Mar 24, 2016
9
  • ރައްޔިތުންގެ ފާޑުކިޔުމާއި ހިޔާލުތައް އަޑު އަހާނަން
  • ފުލުހުންގެ ތެރޭގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި
  • ފުލުހުން ބަދުނާމު ކުރުމަށް ކުރާ ކަންކަން ބަލައެއް ނުގަންނަން

ވަކި ވަކި ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް ދޭ ހަމަލާތަކާއި އިންޒާރުތަކާ ދެކޮޅަށް މުޅި ފުލުހުންގެ މުއައްސަސާ އިން ނިކުންނާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެވެ.

ކ ހިންމަފުށީގެ ކައުންސިލާ ބައްދަލު ކުރައްވައި ކޮމިޝަނަރު ވިދާޅުވި ކަމަށް ފުލުހުންގެ ރަސްމީ ވެބްސައިޓް، ޕޮލިސް ލައިފްގައި ބުނެފައި ވަނީ ފުލުހުންގެ ޒިންމާއެއް އަދާކޮށްގެން ވަކިވަކި ފުލުހުންނަށާއި އެ މީހުންގެ އާއިލާތަކަށް ހަމަލާ ދިނުން ފުލުހުންގެ މުއައްސަސާ އިން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އެފަދަ ހަމަލާތައް ހުއްޓުވުމަށް ފުލުހުންގެ މުޅި މުއައްސަސާ ނިކުންނާނެ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ފުލުހުންގެ މުއައްސަސާ ގައިވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުންނާނެކަމަށާއި އެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެކަންކަން ރަނގަޅުކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފުލުހުންގެ މުއައްސަސާއާއި ދޭތެރޭ ރައްޔިތުން ނަފްރަތު އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރާކަން ކޮމިޝަނަރު ވިދާޅުވި އެވެ. ކޮމިޝަނަރު ވަނީ ފުލުހުންގެ މުއައްސަސާ ރަނގަޅު ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ފުލުހުންގެ ދައުރު އަދާކުރުމަށް ކުރާ މަސައްކަތަކާއި ގުޅިގެން ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާތަކަށް އިންޒާރުދިނުން ފަދަ މައްސަލަތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް މުޅި ފުލުހުންގެ މުއައްސަސާ މަސައްކަތްކުރާނެ،" ކޮމިޝަނަރު ވިދާޅުވެފައިވެ އެވެ.

ކޮމިޝަނަރު މިހެން ވިދާޅުވީ އިރު، ގްރޫޕަކުން ފުލުހަކަށް އިންޒާރު ދިން މައްސަލައެއް ހޫނުވެ، އެސްއޯ ފުލުހުން ވަނީ ބައެއް ގޭންގްތަކުގެ ޖަގަހަތަކަށް ވަދެ ބައެއް ތަކެތި ހަލާކުކޮށް ބައެއް މީހުންނަށް އަނިޔާކޮށްފައި ކަމަށް ބައެއް ގްރޫޕްތަކުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުން ކޯޓުން ދޫކޮށްލުމުން ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް އިންޒާރު ދިން މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ރަނގަޅު ކުރުމަށް އާންމުންގެ ހިޔާލާއި މަޝްވަރާ އަދި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި އެގޮތަށް ފާޅު ކުރެވޭ ހިޔާލުތައް ވާންވާނީ ޒިންމާދާރު ކަމާ އެކު ފާޅު ކުރާ ބިނާކުރަނިވި އެކަށީގެންވާ ރަނގަޅު ހިޔާލުތަކަކަށް ކަމަށް ވެސް ވިދާޅުވި އެވެ. ފުލުހުންނާ މެދު ކިޔާ ފާޑުކިޔުންތަކާއި ހިޔާލުތައް ހެޔޮ ހިތުން ބަލައިގަންނަވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"ފުލުހުންގެ ހިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހަދަން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ބިނާކުރަނިވި ހިޔާލާއި އިހުލާސްތެރި މަޝްވަރާ ފުލުހުންގެ މުއައްސަސާ އަށް ބޭނުންވޭ،" ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.