މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި އުމުރުން ދުވަސްވީ މީހާގެ ބަންދު މުއްދަތު އިތުރުކޮށްފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި މި ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ހައްޔަރު ކުރި އެ މީހާއަކީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ ބަންދަށް ފުރަތަމަ ޖެހި ފަސް ދުވަސް ހަމަވުމުން، ކޯޓުން ވަނީ އެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފަ އެވެ.
އެ މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމެވެ.
އަމުރުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އެހެން މީހެއްގެ ނަމުގައި ރާއްޖެއަށް ގެނެސްފައިވާ ކަރުދާސް ފޮށިގަނޑެއް ބަލައި ގޮސް ހުއްޓަ އެވެ. މި ފޮށިގަނޑުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ކިލޯއަކަށްވުރެ އިތުރުކަން ބަންދު އަމުރު ރިޕޯޓުން އެނގެ އެވެ.
އެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ރޯދަ މަހު ހައްޔަރު ކުރި އުމުރުން ދުވަސްވީ ދެވަނަ މީހާ އެވެ. އަނެއް މީހާއަކީ އުމުރުން 61 އަހަރުގެ މީހެކެވެ.