ވިޔަފާރި

މޯލްޑިވިއަން އައިޑޮލްއާއެކު އެލައިޑްގެ ހިދުމަތްތަކަށް އޮތް ޝައުގުވެރިކަން މައްޗަށް

Mar 26, 2016

މޯލްޑިވިއަން އައިޑޮލްގެ ސަބަބުން ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުން ބުނެފި އެވެ. "އަވަސް" އަށް ވާހަކަ ދައްކަމުން މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސާ އެލައިޑް އިންޝުއަރެންސުގެ މެނޭޖަރު މާކެޓިން ނިއުޝާދު ޝަރީފު ވިދާޅުވީ މޯލްޑިވިއަން އައިޑޮލް ޝޯ ފެށިފަހުން ވިޔަފާރިއަށް "ފާހަގަ ކުރެވޭ ބޮޑު އިމްޕެކްޓެއް" ލިބިފައިވާ ކަމަށެވެ.

"އޯވަރޯލްކޮށް ސާވިސް ތަކަށް އަންނަ ރެސްޕޯސް ވަރަށް ރަނގަޅު. ޝޯގެ ކޮލިޓީއާ، ޝޯ އިން ގެނެސްދޭ ކަންތައްތަކަށް ބަލާއިރު ހިދުމަތްތައް ޕްރޮމޯޓް ވޭ. މީހުންނަށް ސުވާލު ކުރުމުގެ ޗާންސް ލިބޭ. އެގޮތަށް ބަލާއިރު ވަރަށް ރަނގަޅު އިމްޕެކްޓެއް ލިބިއްޖެ،" ނިއުޝާދު ވިދާޅުވި އެވެ.

"ޝޯ އެޅުވުމުގެ ސަބަބުން ގިނަ ބަޔަކަށް ފެނޭ. އެހެންވެ ވިޔަފާރިވެސް ރަނގަޅު."

"މެއިން ސްޕޮންސާނެގީ، ފުރުސަތުތަކަށް ބަލާފަ"

އެލައިޑްގެ ނިއުޝާދު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ މެއިން ސްޕޮންސާޝިޕް ނެގީ އޮތް ފުރުސަތު ތަކަށް ބަލާފައި ކަމަށެވެ.

"މި ޝޯވް ނެގުމުގައި ޓައިޓަލްސްއަށް ބެލިން. އެއަށްވުރެ ބޮޑަށް މިޝޯއިން މުޅި [2016] ވަނަ އަހަރު ކަވަރު ކުރޭ. އެހެންވެ އެކަމަށް ވެސް ބެލިން. ޕްލަސް މީގެން އުފެދޭ ސްޓާރުން ބޭނުންކޮށްގެން އިތުރު ކެމްޕޭން ހިންގޭނެ،" ނިއުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަން އައިޑޮލްއަކީ ވަރަށް ރަނގަޅު، މުހިންމު ޝޯއެއް ކަމަށެވެ.

"މިކަމަށް ސަޕޯޓް ދިނުމަކީ ލިބޭ އުފަލެއް. އަދި މި ޝޯގެ ތަރިން މި ފެންނަނީ އެއްކޮށް. ނަމަވެސް ފަހުން ފެންނާނެ ވަރުގަދަ އައިޑޮލެއް. އެހެންވެ ބުނެވޭނީ މި އިނީޝިއޭޓިވް ވަރަށް ރަނގަޅޭ،" ނިއުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޝޯގައި ބައިވެރިވި ގިނަ ކުދިންނަކީ އުމުރުން 18 އަހަރުގެ ޒުވާނުން ކަމަށެވެ.

"މިއީ ވަރަށް ލިމިޑެޑު ތަކެއް. މި ޝޯވްގެ ސަބަބުން ވަރަށް ބޮޑަށް އިކްސްޕޯޒްވޭ. އެހެންވެ އެ ކުދިންނަށް ލިބޭ ވަރަށް ގިނަ ފުރުސަތު ތަކެއް މިއީ. މި ކުދިންނަށް ހަމައެކަނި ފުރުސަތު ދެނީ ލަވަ ކިޔާކަށެއް ނޫން. އެ ކުދިންނަށް ބްރޭންޑް އެމްބެސެޑަރުންނަށް ވެސް ވުމުގެ ފުރުސަތު ލިބޭ،" ނިއުޝާދު ވިދާޅުވި އެވެ.

"އެލައިޑުންވެސް ގިނަ ކުންފުނިތަކުން ޝައުގުވެރިކަން އެބަހުރި ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި މި ކުދިން ބޭނުން ކުރަން."

"އަވަސްގެ ކަވަރޭޖް ވަރަށް ރަނގަޅު"

މޯލްޑިވިއަން އައިޑޮލް ޝޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އެވެ. އެލައިޑުން ދެކޭ ގޮތުގައި "އަވަސް" އިން މޯލްޑިވިއަން އައިޑޮލް ޝޯގެ ކަވަރޭޖް ގެނެސްދޭ ގޮތް ވަރަށް ރަނގަޅެވެ.

ނިއުޝާދު ވިދާޅުވީ ކުދިންގެ ޕްރޮފައިލް ގެނެސް އަދި މި ނޫން ވެސް މައުލޫމާތު ގެނެސްދޭ ގޮތް އަވަސް އިން ރަނގަޅު ކަމަށެވެ. އަދި އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމީ ފެންވަރުގައި މިވަރުގެ ޗާންސެއް ނުލިބޭނެ މީޑިޔާތަކަށް. އެހެންވެ މިއީ ވަރަށް ރަނގަޅު ފުރުސަތެއް. އަވަސް އިން މީޑިޔާ ކަވަރޭޖް އަންނަ ގޮތް ރަނގަޅު،" ނިއުޝާދު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފްރެންޗައިޒެއްގެ ގޮތުގައި ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑޮލްގައި މިހާރުވަނީ ގަދަ އަށް ބައިވެރިންނަށް އަދަދު މަދުކޮށްފަ އެވެ.