ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހް އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގަމަށް މިރޭގެ ވަގުތެއްގައި ފަސީހް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުން ފެންވަރުގައި ކަމަށެވެ.
ފަސީހް، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަޝީދުގެ ވެރިކަން ފެބްރުއަރީ 07، 2012 ގައި ބަދަލުވެގެން ދިޔައިރުވެސް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ ފަސީހް އެވެ.
ފަސީހް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައެއް ކުންފުނިތަކުގައިވެސް އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ.
ފަސީހް އަކީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް، ކުއަންޓިކޯ، ވާޖީނިއާގެ އެފްބީއައި ނެޝަނަލް އެކަޑަމީން އެފްބީއައި ޖެނެރަލް ކޯސް އޮފް އިންސްޓްރަކްޝަން ގްރެޖުއޭޓެކެވެ. އަދި އޭނާއަކީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގިނަ ދުވަހު ހިދުމަތް ކުރައްވައި އަދި ޕޮލިސް ބޯޑުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.
އިމިގްރޭޝަންގެ ވެރިޔަކަށް ފަސީހް އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމަށްފަހު އެވެ.
ޝަމްއާން މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ހަބަރު ނޫސްތަކުގައި ރިޕޯޓްކުރުމާ އެކު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީންގެ އަތުން ނާޖައިޒު މަންފާ ހޯދަމުންދާތީ އެކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ އެއްވެސް ތަފްސީލެއް ނުދެ އެވެ.