ކްރޫޒް ޝިޕަކުން 300 އަށްވުރެ ގިނަ ފަތުރުވެރިން އިއްޔެ ރާއްޖެ އައިސްފި އެވެ.
"އެމްއެސް ކްރިސްޓަލް ސިންފޮނީ" ނަމަކަށް ކިޔާ މި ކްރޫޒް ޝިޕް އިން 307 ފަތުރުވެރިންނާއި 477 ކްރޫ މެންބަރުން އައިސްފައިވެ އެވެ.
އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ މި ކްރޫޒް ޝިޕް އިން ރާއްޖެ އައި މީހުންނަށް ކްލިއަރަންސް ދިނުމުގެ މަރުހަލާ ފުރިހަމަކޮށްފަ އެވެ.
މި ކްރޫޒް ޝިޕް ރާއްޖެ އައިސްފައިވަނީ ލަންކާގެ ކޮލަމްބޯ އިންނެވެ.
މިއީ މި ކްރޫޒް ޝިޕް މިއަހަރު ރާއްޖެއަށް އައި ދެވަނަ ފަހަރެވެ.
އެ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުވެސް މި ކްރޫޒް ޝިޕް ރާއްޖެ އައިސްފައިވެ އެވެ. އެ ފަހަރު 200 އަށްވުރެ ގިނަ ފަތުރުވެރިން ރާޢްޖެ ޒިޔާރަތްކުރި އެވެ.