ރެފިއުޖީން

ޕޯލަންޑުގެ ބޯޑަރު ރެފިއުޖީއިންނަށް ބަންދު!

ބްރަސެލްސްގައި އައިއެސް އިން ދިން ހަމަލާ އާއި ގުޅިގެން ޕޯލަންޑުގެ ބޮޑު ވަޒީރު އެ ގައުމަށް ރެފިއުޖީއިން އިތުރަށް ނުވައްދާނެ ކަމަށް ވިދާޅުވެއްޖެ އެވެ. ބޮޑު ވަޒީރު ވިދާޅުވީ ބެލްޖިއަމްގައި ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން އީޔޫ އާއި އެކީ ވެފަ އިން އެއްބަސްވުމަށް ދެން އަމަލު ނުކުރެވޭނެ ކަމެވެ.

ޕޯލަންޑުން ވަނީ 7000 ރެފިއުޖީއިން ވެއްދުމަށް އީޔޫ އާއެކު އެއްބަސްވެފަ އެވެ. ނަމަވެސް ބެލްޖިއަމްގައި އައިއެސް އިން ދިން ހަމަލާއާއި ގުޅިގެން ރެފިއުޖީއިން އިތުރަށް ނުވައްދާން ވަނީ ނިންމާފައެވެ. ޕޯލަންޑުން ވަނީ މިއަހަރު 400 ރެފިއުޖީއިން ވައްދާ، ކުރިޔަށް އޮތް ތިން އަހަރު ތެރޭގައި އިތުރު ރެފިއުޖީން ވެއްދުމަށް ކުރިން އެއްބަސްވެފައެވެ،

ޕޯލަންޑްގެ ބޮޑު ވަޒީރު ވިދާޅުވީ ބެލްޖިއަމްއަށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން އެ ގައުމަށް ރެފިއުޖީން ވެއްދުމަށް އެއްވެސް ފުރުސަތެއް ދެން ނެތް ކަމަށެވެ. އަދި ބޯޑަރު ކައިރީގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާނެ ކަމަށެވެ.

މިދިޔަ އަހަރު ޕޯލަންޑުގެ ރައްޔިތުން ވަނީ ރެފިއުޖީން ވެއްދުމަށް ދެކޮޅު ހަދާ މަގުމައްޗަށް ނިކުމެ މުޒާހަރާ ވެސް ކޮށްފައެވެ. އަދި ރެފިއުޖީއިން ގެ ސަބަބުން، ގައުމުތެރޭގައި ބަލި ފެތުރެމުން ދާކަށް ބުނެ ރެފިއުޖީންނާއި ދެކޮޅަށް އަޑު ވެސް އުފުލާފައެވެ. ޕޯލަންޑްގައި މިހާރު ތިބި ރެފިއުޖީންނަށް ޖިސްމާނީ އަނިޔާ ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.