ޑރ. މުހައްމަދު މުއިއްޒު

އަމަލުތައް ބައްޓަންކުރަން ބަލަންވީ ޤުރުއާނަށް: ރައީސް

ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް ބައްޓަންކުރާއިރު ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރުއާން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ކުރިއަށް ގެންދިޔަ ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ހަގީގީ ވިސްނުން ބަހައްޓަންވީ، ކޮންމެ ދުވަހެއްގެ އަދި ކޮންމެ ވަގުތެއްގެ އަމަލީ މަސައްކަތްތަކާއި، އުޅުމާއި ގުޅުންތައް ބައްޓަންކުރާއިރު، ކީރިތި ޤުރްއާނުގައިވާ ގޮތަށް އެ ކަންކަން ކުރުމުގެ މައްޗަށް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއް ކަމުގައި ހެދުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

"މުޖުތަމައުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރުއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތް ކަމުގައި ހަދައިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކީރިތި ޤުރުއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްވެސް އެދިވަޑައިގެންފަ އެވެ. އެގޮތުން އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ވިދާޅުވީ މުޅި މުޖުތަމައުގެ ކުރިއެރުމަށްޓަކައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހްތިރާމު ކުރަންޖެހޭ ކަމަށެވެ. ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެ ސުވާލު އަމިއްލަ ނަފުސާމެދު ހެޔޮ ނިޔަތުގައި ކޮށްފިނަމަ މުޅި މުޖުތަމައު ރަނގަޅުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުޖުތަމައު ރަނގަޅު ވާނީ އަނެކާއަކީވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއް ކަމުގައި ގަބޫލުކޮށްގެން ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ރައީސް ވަނީ ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ބާރުއެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް މުއިއްޒު ވަނީ ކީރިތި ޤުރުއާނާ ބެހޭ ހާއްސަ ވަޤުފް އިމާރާތެއް އެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"އެކަމަށްޓަކައި މިހާރު މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ވަނީ ކަނޑައަޅާފައި. މި ފަހު ދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާ ބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުވާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ ވަގުފު އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއް ކަމަށެވެ. ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިއްމު އިންވެސްޓްމަންޓަކަށް އެކަން ވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މި ސަރުކާރުގެ ސިޔާސަތަކީ އަދި ވިސްނުމާ އަޒުމަކީ މައިންބަފައިންނާ މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ހާފިޒުންނަށް ހެދުން ކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ އެ މަސައްކަތް ކޮށްދިނުމަށްވެސް ރައީސް އެދިވަޑައިގެންފި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކިތަންމެ ގިނަ ބިނާތަކެއް އެޅުމުގެ މަސައްކަތް ކުރެވުނު ނަމަވެސް ހަގީގީ ތަރައްގީ ހާސިލް ވާނީ ކީރިތި ޤުރުއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެން ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910