އިލްހާމް އަހުމަދު

ތަފާތު ނުކޮށް އޯޓިޒަމް ކުދިންވެސް ބަލައިގަންނަންޖެހޭ: އިލްހާމް

އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއާޕާސަން އިލްހާމް ހުސައިން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އޯޓިޒަމް ކުދިންނަށް ބޭނުންވާ ފުރުސަތުތައް ހޯދައިދީ އެންމެން ގުޅިގެން އެފަދަ ކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުން އަދި އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއާޕާސަން އިލްހާމް ހުސައިން ގޮވާލައްވައިފި އެވެ.

އޯޓިޒަމަށް ހޭލުންތެރިކުރުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި އިލްހާމް ވިދާޅުވީ އޯޓިޒަމް ކުދިންނަކީ އާންމު މީހެއް ފަދައިން ލޯތްބާއި އެހީތެރިކަން ބޭނުންވާ ކުދިން ކަމަށެވެ.

"އޯޓިޒަމްގެ ކުދިންނަކީ ވެސް އަޅުގަނޑުމެންގެ މުޖުތަމައުގެ ބައެއް. އެ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްފަދައިން ލޯބިވެ، އަޅާލައި، ތަފާތުކުރުމެއް ނެތި ބަލައިގަންނަން ޖެހޭ،" އިލްހާމް ވިދާޅުވި އެވެ.

އޯޓިޒަމް ކުދިންނަށް ދުބާއީގައި ހިދުމަތްދޭ މަރުކަޒެއްގެ މަސައްކަތް މެޑަމް އިލްހާމް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެކަމަނާ ވިދާޅުވީ އޯޓިޒަމްގެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށް ދެކިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އޯޓިޒަމްގެ ކުދިންނަށް އެކަށީގެންވާ ތައުލީމާއި ތަމްރީނު ދިނުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ކުރެވެން ހުރި ކަންކަން ކޮށްދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ ދަރިންގެ އުނގެނުމާއި ތަރުބިއްޔަތާ ގުޅިފައިވާ ހުރިހާ ކަމެއްވެސް ކުރިން އިޝާރާތް ކުރި ފަދަ ލާވަށާޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން ކުރިއަށް ގެންގޮސްދިނުމަށް މިފުރުސަތުގައި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން،" އިލްހާމް ވިދާޅުވި އެވެ.

އޯޓިޒަމް ކުދިންގެ ހައްގުތަކަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ އިލްހާމް ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ކުއްޖަކަށް އިހްމާލުވެވޭ ގޮތަށް އެއްވެސް ކަމެއް ހުރި ނަމަ އެކަމެއް ބަލައި ދެނެގަނެ ހައްލުކުރަންޖެހޭ ކަމަށެވެ. ވަކި ބަޔަކު އެކަހެރި ކުރުމަށް ގެންގުޅޭ ބޯދާ ފަލްސަފާ ދޫކޮށް، ފަރުދުންގެ ތަފާތުތައް ބަލައިގަނެ އެކަންކަމަށް އިހްތިރާމުކޮށް އަދި އެންމެން ބައިވެރިކޮށްގެން އުޅޭ މުޖުތަމައަކަށް އަމާޒު ހިފަންޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހިދުމަތް ހޯދާ ކުދިންތަކަކާ އެކު މެޑަމް އިލްހާމް (ވ)ގައި -- ފޮޓޯ: ރައީސް އޮފީސް

އިލްހާމް ވިދާޅުވީ އޯޓިޒަމަކީ ރަނގަޅު ކުރަންޖެހޭ ބައްޔެއް ނޫން ކަމަށް މުޖުތަމައު ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި އެފަދަ ކުދިންނަކީ މުޖުތަމައުން ގަބޫލުކުރާ ވަކި މިންގަނޑަކަށް ނުވަތަ ވަކި ތައްގަނޑަކަށް ފައްތަންޖެހޭ ބައެއް ނޫން ކަމަށްވެސް ގަބޫލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

"އޯޓިޒަމް އަދި އެނޫންވެސް ނިއުރޯ ޑިވެލޮޕްމަންޓަލް ޑިސްއޯޑައެއްގެ ސަބަބުން ތަފާތު ކަމެއް ހުންނަ ފަރާތްތަކުގެ އިހްސާސްތަކާއި ތަޖުރިބާތަކާއި ކުރިމަތިވާ ގޮންޖެހުންތަކަށް އަޅުގަނޑުމެން އެންމެންވެސް ލޯ ހުޅުވައި ހޭލުންތެރިވާންޖެހޭ،" މެޑަމް ވިދާޅުވި އެވެ.

އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް މީގެ 15 އަހަރު ކުރިން ވުޖޫދުވީ ފަހުން މިދިޔަ މުއްދަތުގައި އޯޓިޒަމް ކުދިންނަށާއި އެފަދަ ކުދިންގެ ބެލެނިވެރިންނަށް ބޭނުންވާ އަސާސީ ގިނަ ހިދުމަތްތަކެއް އަދި އެކަމާ ގުޅޭ ނިޒާމެއް އޯޓިޒަމް އެސޯސިއޭޝަންގައި ވަނީ ގާއިމުކޮށްފަ އެވެ. އެކަން ފާހަގަކުރައްވައި އިލްހާމް ވިދާޅުވީ އުއްމީދުކުރަނީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ވިޔަފާރިތަކާއި އޯޓިޒަމް ކުދިންގެ ހައްގުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއް ގުޅިގެން އޯޓިޒަމް ކުދިންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ.

އޯޓިޒަމަށް ހޭލުންތެރިކުރުމަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޭޕްރީލް ދެވަނަ ދުވަހެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910