ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް މަގާމުން ދުރުކުރުމަށް އެ ގައުމުގެ ދުސްތޫރީ ކޯޓުން ހުކުމްކޮށްފި އެވެ.
ގާނޫނުއަސާސީގެ ބާރު ކަނޑުވާލި ކަމަށް ބަލައި ޔޫން މަގާމުން ދުރުކުރުމަށް ދެކުނު ކޮރެެއާގެ ގާނޫނު ހަދާ މަޖިލީހުންވެސް އޮތީ ފާސްކޮށްފަ އެވެ.
މިދިޔަ މާޗް 10 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުން އެގޮތަށް ނިންމީ ދެކުނު ކޮރެއާގެ ގާނޫނުއަސާސީއާ ހިލާފަށް އެ ގައުމުގައި ކުއްލި ހާލަތު ޔޫން އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
ކޯޓުން މިހާރު މިވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލި ކަމަށް ޔޫންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ މަގާމުން ދުރުކުރުމަށް ފަހު ބަސް އިއްވާފަ އެވެ. ކޯޓުގެ ނިންމީ އައީ މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޔޫން، ކުއްލިހާލަތު އިއުލާން ކުރެއްވީ ސިޔާސީ ހަރަކާތްތައް ހުއްޓުވައި، ގާނޫނު ހަދާ މަޖިލީހުގައި ތަޅުއަޅުވައި، މީޑިއާގެ ބާރު ކަނޑުވާލުގެ ގޮތުންނެވެ. އެކަމާ ގުޅިގެން އެ ދުވަސްވަރު ދެކުނު ކޮރެއާގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެގެންވެސް ދިޔަ އެވެ.
ދެކުނު ކޮރެއާގެ އުއްތަމަފަނޑިޔާރު މޫން ޔަންގ-ބެއި ވިދާޅުވީ މާޗް 10 ވަނަ ދުވަހު އެ ގައުމުގައި ޔޫން، ކުއްލިހާލަތު އިއުލާން ކުރައްވާފައިވަނީ ރައީސް ކަމުގެ މަގާމުގެ ބާރުތައް ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ. އަދި، އެއީ ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ހިންގަވާފައިވާ ޑިމޮކްރަސީއާ ދުރު ދުސްތޫރީ ކުށެއް ކަމަށެެވެ.
"[ޔޫން] އެވަނީ ރައްޔިތުން ކުރަމުން ދިޔަ އިތުބާރަށް ހިޔާނަތްތެރިވެ ވަޑައިގަންނަވާފައި،" މޫން ވިދާޅުވި އެވެ.
ޔޫންގެ މައްޗަށް ހުކުމް ކުރުމާއެކު އޭނާގެ ގާނޫނީ ވަކީލުން މެދުވެރިކޮށް ދެއްވި މެސެޖެއްގައި ޔޫން ވަނީ ދެކުނު ކޮރެއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާފަ އެވެ.
"އަޅުގަނޑު މައާފަށް އެދެން. ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށް ދެވިފައި ނުވާތީ ހިތާމަކުރަން،" ޔޫން ވިދާޅުވި އެވެ.