ކުޅިވަރު

ސާފްގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނޭޕާލްގެ ޕުރުޝޮތަމް

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނޭޕާލްގެ ޕުރުޝޮތަމް ކަޓޭލް ހަމަޖައްސައިފި އެވެ.

ސާފްގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ޕުރްޝޮތަން ހަމަޖެއްސީ 2015 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި އަންވަރުން ހައްގު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސާފްގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް ސްރީލަންކާގައި އިއްޔެ ބޭއްވި ސާފްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މެންބަރު ގައުމުތަކުން ވަނީ ޕުރުޝޮތަމްއަށް ރުހުން ދީފަ އެވެ.

ޕުރްޝޮތަމް އަކީ 17 އަހަރު ވަންދެން އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމާއަތް -- އޭއެފްސީގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބުމަކީ ޝަރަފެއް ކަމަށް ފާހަގަކުރައްވައި ޕުރްޝޮތަމް ވިދާޅުވީ މަގާމުގެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރައްވާނެ ކަމަށެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ޕުރްޝޮތަމްއަށް އެންމެ ފުރަތަމަ ކުރިމަތިލާން ޖެހޭނެ މުބާރާތަކީ މިއަހަރުގެ ޖޫން 15 އިން ޖުލައި 5 އަށް ސްރީލަންކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެވެ.