ފެޝަން

ރައިދާސް މޯލްޑިވްސް: ފެޝަންގެ ދުނިޔެއާކުރި ދިވެހި ސަލާން!

މިއީ ކުޑައިރުގެ ހުވަފެން ހަގީގަތަކަށް ހަދައިގެން ދުއްވައިގަތުމަށް ތައްޔާރުވެގެން އޭނާ އެނބުރި މާލެ އައި ދުވަހު ބައެއް މީހުންގެ ފަރާތުން އޭނާއަށް ލިބުނު ހިޔާލެވެ. އޭނާ ވާހަކަ ފަށައި ދިނީ މިހެނެވެ:

"އަޅުގަނޑު ގުރެޖުއޭޓްވެގެން އެނބުރި މާލެ އައީމަ ވަރަށް ގިނަ މީހުން ބުނީ ކީއްވެގެންހެއްޔޭ ފެޝަން ޑިޒައިން ކިޔެވީ. ކީއްވެހޭ އެހެން އެއްޗެއް ނުކިޔެވީ. އެމީހުން ބުނީ ކިހިނެތް ހެއްޔޭ މި ދާއިރާ އިން ކުރިއަށް ދާނީ މާލޭގައި،"

އެކަމަކު ވެސް ރައިދާ އިސްމާއިލް ޝަފީގުގެ ހިތެއް މަރެއް ނުވި އެވެ. އަޒުމަކަށް ގުޑުމެއް ނޭރި އެވެ. އުއްމީދުވީ އިތުރަށް ބޮޑެވެ. ހިތް މަރާލާ ރާގުގައި މީހުން އެ ދުވަހު އެގޮތަށް ވާހަކަ ދެއްކީމަ އޭނާގެ ހިތަށް އެރީ ކީކޭކަން އެނގޭ ހެއްޔެވެ؟ ވާނެއެވެ!!

"ދެން އަޅުގަނޑުގެ ހިތަށް އެރީ، ވާނެއޭ."

އެ ދުވަހަށް ފަހު އޭނާ ކުރިއަށް ދަނީ ފަސްއެނބުރި ބެލުމެއް ނެތި އެވެ. މިއަދު، 28 އަހަރުގެ ރައިދާ އިސްމާއިލް ޝަފީގަކީ ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު ފެޝަން ޑިޒައިނަރުންގެ ތެރެއިން ގުނާލެވޭ ނަމެކެވެ.

ސްރީ ލަންކާގެ އޭއޯޑީ އިންޓަނޭޝަނަލް އިން 2010 ވަނަ އަހަރު ގުރެޖުއޭޓްވުމަށް ފަހު ރައިދާގެ ނަން މި ވަނީ އެންމެފަހުން ބްރޭންޑަކަށް ވެސް ބަދަލުކޮށްފަ އެވެ. "ރައިދާސް މޯލްޑިވްސް" ގެ ނަމުގައި އޭނާ ޑިޒައިންކޮށްފައިވާ ހެދުންތައް މި ވަނީ ބައިނަލްއަގުވާމީ ބާޒާރަށް ވެސް ނެރެފަ އެވެ.

މާލޭގައި "ރައިދާސް މޯލްޑިވްސް" ބްރޭންޑްގެ ހެދުންތަކަށް ހާއްސަ ފިހާރައެއް ހުޅުވުމުގެ މަސައްކަތްކުރަމުން އަންނައިރު ސްރީ ލަންކާގެ ޝަރަފްވެރި، ކޮލަމްބޯ ފެޝަން ވީކްގައި ބައިވެރިވުމުގެ މަސައްކަތަށް ވެސް ރައިދާ ދަނީ މި ދުވަސްކޮޅު ވަރަށް ބުރަކޮށް ތައްޔާރުވަމުންނެވެ.

އަވަސް ވީކެންޑްގެ "އަންހެނުން" ސެގްމަންޓަށް ރައިދާ ދިން އިންޓަވިއު ތިރީގައި މި އޮތީ އެވެ.