ހަބަރު

ގާނޫނު އަސާސީގައި ލިޔެފައި އޮތަސް ހައްގުތައް ހޯދައެއް ނުދެވޭ: ސީނާ ޒާހިރު

އިންސާނީ ހައްގުތަކުގެ ވާހަކަ ގާނޫނު އަސާސީގައި އައިސްފައިވީ ނަމަވެސް، އެ ހައްގުތައް ހޯދައިދެވިފައިނުވާ ކަމަށް ރައީސް މައުމޫނުގެ ވެރިކަމުގައި މަޖިލީހުގެ ރައީސަކަށް ހުންނެވި އަހުމަދު ޒާހިރު (ސީނާ) ވިދާޅުވެއްޖެ އެވެ.

އިންސާނީ ހައްގުތަކާއި ބެހޭ ސްކޫލްކުދިންގެ ކުއިޒް ނިންމާލުމަށް މިއަދު ދިވެހި ރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޒާހިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ އިންސާނީ ހައްގުތައް ހޯދައިދިނުމުގައި އެޗްއާރްސީއެމްއާއި އެއް ވަރަކަށް ޒިންމާދާރުވެރި ފަރާތެއް ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ތެރޭގައި މިއަދު ފެންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ގަޔަށް އަތްލައި ތަޅާ ފޮޅާ މަންޒަރު ކަމަށާއި އެއީ މަޖިލީހުން ފެންނަން ޖެހޭ މަންޒަރެއް ނޫން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕޯޑިއަމަކަށް އަރައި ކޮންމެ މީހަކަށް ވެސް ހައްގުތަކުގެ ވާހަކަ ދެއްކިދާނެ ކަމަށެވެ. އަންހެނުންގެ ހައްގުތައް ކަށަވަރުކުރެވިފައިވާ ކަމަށް ވާހަކަ ދައްކާއިރު، އެ ހައްގު ކަށަވަރު ކޮށްދީފައިވަނީ ކިހާ ވަރަކަށްކަން އެއިން ބޭފުޅަކަށް ސާބިތުކޮށްދެވޭނެ މިންވަރަކާއި މެދު އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.

"ސިޔާސީ ޕޯޑިއަމްތަކަށް އަރާ ވަރަށް ފަސޭހަވާނެ ހައްގުތައް ހޯދައިދީފައިވާ ވާހަކަ ބުނަން. އަންހެނުންގެ ހައްގުތައް ހޯދައިދީފައިވާ ކަމަށް ބުނާއިރު ކޮން ހައްގެއްތޯ ހޯދައިދެވިފައި އޮތީ. އެއްވެސް ހައްގެއް ހޯދައެއް ނުދެވޭ. ގާނޫނު އަސާސީގައި އެބަހުރި ހައްގުތަކުގެ ވާހަކަ. ގާނޫނު އަސާސީގެ 300 މާއްދާ އޮތް އިރު ފަންސާހަށްވުރެ ގިނަ ފަހަރު ހައްގުތަކުގެ ވާހަކަ އައިސްފައި އެބަ އޮތް،" ޒާހިރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ހައްގެއް ގެއްލިގެން އެޗްއާރްސީއެމްއަށް ދިއުމުން މައްސަލަ ހައްލު ނުވެއްޖެ ނަމަ ދެން ދާން އޮތް ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މަސްއޫލިޔަތު ރަނގަޅު ގޮތުގައި ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ޑިމޮކްރަސީ އޮތް މިންވަރާމެދު ޒާހިރު ވިދާޅުވީ، ޑިމޮކްރަސީ އަށް ފެންދީ ހެއްދިފައި ނެތުމުން ހިތާމަކުރައްވާ ކަމަށެވެ. އަވަށްޓެރި ގައުމުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްވެގެން ގާނޫނު އަސާސީއެއް ފުރަތަމަ ތައާރަފުކުރެވުނު ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މީގެ 70 އަހަރުގެ ކުރިން ފައްކާކުރަންފެށި ޑިމޮކްރަސީ އަދިވެސް އޮތީ އެގޮތުގައި ކަމަށެވެ.

އަހުމަދު ޒާހިރު ވަނީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ބައެއް ކަންކަން ހިނގާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށް ހުރި ގޮންޖެހުންތަކާ މެދު އެމަނިކުފާނުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.