ހަބަރު

24 ގަޑިއިރު ހަބަރު ފޮނުވާ ޗެނަލެއް ޕީއެސްއެމުން ތައާރަފްކުރަނީ

ޒުވާނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ހާއްސަކޮށްގެން ޕީއެސްއެމް އިން އުފައްދާ "ޔެސް" ޗެނަލް މިމަހުގެ ތެރޭގައި އިފްތިތާހުކުރާނެ ކަމަށާއި 24 ގަޑިއިރު ހަބަރު ފޮނުވާ ޗެނަލެއްވެސް ވަރަށް އަވަހަށް އުފައްދާނެ ކަމަށް ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމްއިން ބުނެފި އެވެ.

އިންސާނީ ހައްގުތަކާއި ބެހޭ ސްކޫލްކުދިންގެ ކުއިޒްގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އިކްރާމް އަބްދުއް ލަތީފް ވިދާޅުވީ ތަފާތު މުހިއްމު އެތައް ކަމެއް އެއް ވަގުތެއްގައި ހިނގަމުން ދާއިރު އާންމުން ބޭނުންވާ ގޮތަށް ހުރިހާ ޕްރޮގްރާމްތައް އެންމެ ޗެނަލަކުން ފޮނުވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެން ކަމުން ޕީއެސްއެމުން މަސައްކަތް ކުރަނީ އާންމުންނަށް ފަސޭހައިން ބޭނުންވާ ޕްރޮގްރާމްތައް ބެލޭނެގޮތް ހެދުމަށް އެކި ކަންކަމާއި ގުޅޭ ޗެނަލްތައް އުފެއްދުމަށް ކަމަށާއި މިމަހު އިފްތިތާހުކުރަން ނިންމާފައިވާ "ޔެސް" ޗެނަލަކީ މީގެ ކުރިން އެ މުއައްސަސާއިން ތައާރަފްކުރި "މަޖިލިސް" ޓީވީ ފަދައިން ކާމިޔާބު ޗެނަލަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިކްރާމް ވިދާޅުވީ ހަބަރާއި މައުލޫމާތު 24 ގަޑިއިރު އާންމުންނަށް ލިބޭނެ ހާއްސަ ޗެނަލެއް އުފެއްދުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ޗެނަލް ވެސް ތައާރަފްކުރާނެ ކަމަށެވެ.

ޕީއެސްއެމްއަކީ މިހާރުވެސް ދެ ޓީވީ ޗެނަލާއި ތިން ރޭޑިއޯ ޗެނަލްގެ އިތުރުން މެގަޒިންއަކާއި އޮންލައިން ވެބްސައިޓެއް ހިންގާ ކުންފުންޏެކެވެ. އަދި އެކުންފުނިން މިހާރު ދަނީ އިނގިރޭސި ބަހުން ބައިނަލްއަގްވާމީ ޓީވީ ޗެނަލެއް "މޯލްޑިވްސް" ގެ ނަމުގައި އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.