ބޭރު ކުޅިވަރު

އަނބިންނާއި ލޯބިވެރިންނަށް ކުޅުންތެރިންނާ ބައްދަލުކުރެވޭނެ: އަޔަލޭންޑް ކޯޗު

ލޯބިވެރިންނާއި އަނބިންގެ ތެރެއިން ރީތި އަންހެނުންނަސް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދުވަސްވަރު ކުޅުންތެރިންނާ ބައްދަލުކުރަން ހޮޓަލަށް އާދެވޭނެ ކަމަށް އަޔަލޭންޑްގެ ކޯޗު މާޓިން އޯނީލް ބުނެފި އެވެ.

އޭނާ މިހެން ބުނީ އަންނަ ޖޫނަ މަހު ފްރާންސްގައި ބާއްވާ މުބާރާތުގެ ތެރޭގައި އަޔަލޭންޑް ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރުން ހަމަޖެހިފައިއޮތީ ކޮންގޮތަކަށްތޯ ނޫސްވެރިން ސުވާލުކުރުމުންނެވެ. އޯނީލް ބުނީ ކުޅުންތެރިންގެ އާއިލާތަކަށް އެމީހުންނާ ބައްދަލުކުރެވޭނެ ކަމަށާއި އެކަން މަނާކުރަން ބޭނުންނުވާ ކަމަށެވެ.

"އެކަން ބިނާވެފައި އެމީހުންގެ ރީތިކަމަށް. ބަލާލަން ރީތި މީހުންނަށް އާދެވޭނެ. ބަލާލަން ހުތުރިއްޔާ އަހަރެން ބިރުގަނޭ،" ސަމާސާ ކުރަމުން ކޯޗު ބުންޏެވެ.

ނަމަވެސް އޭނާގެ މިވާހަކަތަކާ ގުޅިގެން ކޯޗަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. މިގޮތުން ކޯޗަށް އެންމެ ބޮޑަސް ނުރުހުން ފާޅުކޮށްފައިވަނީ އަޔަލޭންޑްގެ އަންހުންނާ ބެހޭ ކައުންސިލުންނެވެ. އެ ކައުންސިލުން ބުނީ ޔޫރޯ އަކީ މިފަދަ ކަންކަމަށް ހިތްވަރުދޭން ދާ މުބާރާތެއްނޫން ކަމަށާއި ޓީމުން ބަލަންޖެހޭނީ ގައުމަށްޓަކައި ރަނގަޅު ނަތީޖާއެއް ހޯދަން ކަމަށެވެ.

އަޔަލޭންޑް ކޯޗުގެ މިވާހަކަތަކާ މެދު ބުނަނީ ކީކޭތޯ އެހުމުން ކެޕްޓަން ޖޯން އޯޝެއާ ވަނީ އެކަމާ މެދު ވާހަކަ ދައްކަން ބޭނުންނޫން ކަމަށްބުނެފަ އެވެ. ނަމަވެސް ކޯޗުގެ ވާހަކަތަކަށް އެސިސްޓެންޓް ކޯޗު ރޯއިކީން ވަނީ ތާއީދުކޮށްފަ އެވެ.

ޔޫރޯ މުބާރާތުގެ ތެރޭގައި އަޔަލޭންޑް ޓީމުން އަނބިންނާއި ލޯބިވެރިންނަށް ކުޅުންތެރިންނާ ބައްދަލުކުރުމުގެ ހުއްދަދޭން ނިންމާފައިވާއިރު ވޭލްސްގެ ކޯޗު ކްރިސް ކޯލަމަން ބުނީ އޭނާގެ ކުޅުންތެރިންނަށް މިކަން މަނާކުރާނެ ކަމަށެވެ.