މަސްވެރިން

އެތައް ބައެއްގެ ހީވާގިކަން ފެންނަ މަސް މާރުކޭޓު!

ދިވެހިންގެ ލޭނާރަކީ މަސްވެރި ކަމެވެ. މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކަށް ބަލާއިރު ވެރިރަށް މާލޭގެ މަސް މާރުކޭޓަކީ މަސްވެރި ކަމުގެ ހަރަކާތް އެންމެ ގިނަ، އެންމެ ކާރޫބާރޫ ބޮޑު ތަނަށް ޒަމާނުއްސުރެ އޮންނަނީ ވެއެވެ. ފަރު މަސްވެރިންނާއި ކަނޑުމަހުގެ މަސްވެރިންނާއި ބޮޑު ކަންނެލީގެ މަސްވެރިންނާއި މަސް ކަނޑާ ސާފުކޮށްދޭ މީހުންނާއި މަސް ވިއްކާ މީހުން މަސް ގަންނަ މީހުން މާލޭގެ މަސް މާރުކޭޓްގައި ހަރަކާތްތެރި ނުވެ ދާނީ ދުވާލުގެ ވަރަށް މަދު ވަގުތޮކޮޅެއްގަ އެވެ. މުޅި މަސްމާރުކޭޓާއި މަސް ދޯނި ފަހަރާއި ފަރުމަސްވެރިކަން ކުރާ މީހުންގެ ދޯނިފަހަރާއި އެކަންކަމުގައި ސާމިލުވާ އެތައް ސަތޭކަ ބަޔަކު މުޅި އެ ސަރަހައްދުގައި ހީވާގި ކަމާއެކު ވާރެ އާއި އަވީގައި ކުރަނީ އަޖައިބެއްހާ ބުރަ މަސައްކަތެކެވެ.

މާލޭގެ ރޯމަސް މާރުކޭޓް ސަރަހައްދުގައި މަހުގެ ތަފާތު ވިޔަފާރި ހިނގައެވެ. އޭގެ ތެރޭގައި މަސް ވިއްކުމުގެ އިތުރުން މަސް ކަނޑައިދީ ސާފު ކޮށް ދިނުމަކީ ވަކި ވިޔަފާރިއެކެވެ. މަސްކެނޑުމަށްފަހު ބާކީވާ ތަކެތި ސާފުކޮށް ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރުކޮށްދީ ވިއްކުމަކީ ވަކި ވިޔަފާރިއެކެވެ. މިހުރިހާ މަސައްކަތެއްގައި ދިވެހިންނާ އެއްވަރަށް ބިދޭސީން ވެސް ހަރަކާތްތެރިވާ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ

ރާއްޖޭގެ މަސްވެރިކަން އާންމުން ގޮތެއްގައި މިދުވަސްވަރު ދަށް ކަމަށް މަސްވެރިން ބުނެ އެވެ. މަސްވެރިކަން ދަށްވުމާއެކު މާރުކޭޓްގައި ކަނޑުމަސް މަދުވުމުން ފަރު މަހުގެ އަގުތައް ރަނުގެ އަގަށް ކޮންމެ ދުވަހަކުހެން ބަދަލުވެގެންދެ އެވެ.

މާލޭގެ މަސްމާރުކޭޓަކީ ކަނޑު މަހުގެ ބާވަތްތަކުގެ އިތުރުން ފަރު މަހުގެ ތަފާތު ގިނަ ވައްތަރުގެ މަސް ވެސް ގައްނަން ލިބޭ ތަނެކެވެ. ވަދު އަޅާ މީހުންނާއި ކެޔޮކޮޅު ކަމުދާ މީހުންނާއި ލޭނު އަޅާ މީހުންނާއި ފިނާއިގެން މަސް ހިފާ މީހުން ގެންނަ ފަރު މަހުގެ ގިނަ ބާވަތްތައް ކޮންމެ ދުވަހަކުވެސް މާރުކޭޓްގައި ހުރެއެވެ.

މަސް ކަންޑައިދޭ މީހުންގެ ވަޒީފާއަކީ ބުރަ ވަޒީފާއެކެވެ. މާރުކޭޓަށް މަސް ޖަމާވާން ފަށާ ވަގުތުން ފެށިގެން އެމީހުންގެ ވަޒީފާގެ ޑިއުޓީ ފެށެ އެވެ. މަސްކަނޑައިގޭ އަށިތަކުގެ އިތުރުން އަގަށް މަސް ކަނޑައިދޭ އެތައް ބަޔަކު މާރުކޭޓްގައި އަބަދުވެސް ތިބެއެވެ. އަދި ރޭގަނޑުވުމުން މަސް މާރުކޭޓް ދޮވެ ސާފު ކުރުމާއެކު އޭގެ ތެރެއިން ބައެއް މީހުންގެ ނިދާ ތަންމައްޗަށް އެތަން ބަަދަލުވެގެންދެ އެވެ.