ބޭރު ކުޅިވަރު

އިނގިރޭސީން ޖަރުމަނު ބަލިކޮށްފި

Mar 27, 2016

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ މައްޗަށް އިނގިރޭސިން ރޭ 3-2އިން ކުރި ހޯދައިފި އެވެ.

ފަހަތުން އަރާ އިނގިރޭސިން މޮޅުވި މެޗުގައި އެ ޓީމުގެ ގޯލުތައް ޖެހީ ޖިމީ ވާޑީ އާއި ހެރީކޭން އާއި ޑަޔާ އެވެ. މެޗުން އިނގިރޭސިން މޮޅުވި ލަނޑު ޑަޔާ ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.
ޖަރުމަނުގައި ކުޅުނު މި މެޗުގެ ފުރަތަމަ ދެ ލަނޑު ޖަރުމަނަށް ޖަހައިދިނީ ކްރޫސް އާއި ގޯމޭޒް އެވެ.

މެޗަށް ފަހު އިނގިރޭސި ކޯޗު ރޯއި ހޮޖްސަން ބުނީ އަނިޔާވުމުގެ ސަބަބުން ބަދަލުކުރަން ޖެހުނު ގޯލްކީޕަރު ޖެކް ބަޓްލޭންޑަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ. އަދި ޑެލޭ އަލީ މި މެޗުގައި ދެއްކި މޮޅު ކުޅުން ކޯޗު ފާހަގަކުރި އެވެ. އޭނާ އަކީ މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ.

ހޮޖްސަން ބުނީ މިއީ ރަހުމަތްތެރިކަމުގެ މެޗެއް ނަމަވެސް ދުނިޔޭގެ ޗެމްޕިއަން ޓީމު އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރުމެން އަދި ވަރަށް މަސައްކަތްކުރަންޖެހޭ. އެކަމަކު މިއީ އަހަރެން އިނގިރޭސި ކޯޗަކަށް ހުއްޓައި އެންމެ ހިތްހަމަޖެހުނު މެޗޭ ބުނެވިދާނެ. ދުނިޔޭގެ ޗެމްޕިއަނުން އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި މެޗުގައި އަހަރުމެންގެ ބައެއް މުހިންމު ކުޅުންތެރިން ނެތި ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅަށް ޕާފޯމްކުރި. އެއީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް،" ކޯޗު ބުންޏެވެ.