އައްޑޫ ސިޓީ

އައްޑޫގެ ހަނދާންތަކާ ވަކިވުމެއް ނެތް!

މީގެ 50 އަހަރު ކުރިން ދިވެހިންނާއި އިނގިރޭސިން ދެމެދު ވެވުނު މުއާހަދާއެއްގެ ސަބަބުން ދިވެހިރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގަ އެވެ. އަޅުވެތިކަމުގައި ނޫނަސް އޭރު ދިވެހިން، ދިވެހިންގެ ގޮތުގައި މިނިވަނެއް ނޫނެވެ. އިނގިރޭސިންނާއެކު އޮތް އެއްބަސްވުމެއްގެ ދަށުން ގަމުގައި އެއާޕޯޓެއް ހަދައި ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ގެ ސިފައިން އައްޑޫއަށް ވަޒަން ވެރިވެގެން އުޅުނެވެ.

އިނގިރޭސިން އައްޑޫގައި އުޅުނޭ ބުނުމުން މިހާރުގެ މީހުން ފުރަތަމަ އަރަނީ އައްޑޫ އޮންނާނީ ހަނގުރާމައެއްގައި ގައުމެއްގެ ބައެއް ފަތަހަކޮށްފައި އޮންނަ ފަދައިންބާ އެވެ؟ ނަމަވެސް ހަގީގަތަކީ އިނގިރޭސިން ގަމުގައި ތަފާތު ފެކްޓްރީތަކާއި އެއާޕޯޓް ފަދަ ތަންތަން ގާއިމުކުރުމުން އައްޑޫގެ ތަރައްގީ ހަލުވިކަމާއި އެކު ކުރިއެރި އެވެ. އޭރު އައްޑޫ މީހުން އެތަނުގައި މަސައްކަތް ކުރުމުން ރަނގަޅު އުޖޫރައެއްވެސް ލިބުނެވެ. މިއީ އައްޑޫ މީހުންގެ ތަޖުރިބާ އެވެ.

އިންގިރޭސިންގެ ހިމާޔަތުގެ ދަށުގައި ގަން އޮތް އިރު އޭރު އެތާ މަސައްކަތް އައި އިނގިރޭސިީންގެ ބައެއް މީހުން ދާދި ފަހުން އައްޑޫއަށް ރީޔޫނިއަން އަކަށް ވަނީ އައިސަ އެވެ. ގަމުގައި އިނގިރޭސިން ހެދި މެޑިކަލް ސެންޓަރުގައި އޭރު މަސައްކަތް ކުރި ޑޮކްޓަރެއް ކަމުގައިވާ އެލަން ޖޯންސަންސް މާލޭގައި ހުންނަވައިގެން އޭރުގެ މާހައުލް އޮންނާނެ ގޮތް ސިފަކޮށް ދިނީ މުޅިން އެހެން ގޮތަކަށެވެ. ގަމުން ފޭބި ފަހުން 40 އަހަރު ގައުމުގައި ހޭދަކުރުމަށް ފަހު އަލުން ރާއްޖެ އައި އެލަން އޭނާގެ ތަޖުރިބާ ތައް ހިއްސާ ކުރި އެވެ.

"އަޅުގަނޑަކީ އެލެން. ގަން އެއާޕޯޓު ބަނދުުކޮށް އަޅުގަނޑުމެން އެތަނުން ނިކުތްތާ މިވީ 40 އަހަރު. އައްޑޫގައި އޭރު ހޭދަ ކުރި ދުވަސްތައް ކިޔާ ދޭނަމަ ބުނެވޭނީ އެއީ އުފާވެރި އަދި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެކޭ. އެދުވަސް ވަރު އަޅުގަނޑަކީ ގަމުގައި ހުންނަ މެޑިކަލް ސެންޓަރުގައި އިސްކޮށް ހުންނަ ޑޮކްޓަރެއް. ގަމުން އިނގިރޭސިން ނިކުތް ފަހުން ވެސް 10 މަސް ދުވަސް ވަންދެއް އެ މެޑިކަލް ސެންޓަރުގައި ބަލި މީހުން ބެލުމުގައި އުޅުނު މީހަކީ އަޅުގަނޑު،" އެލަން ކިޔައިދިނެވެ.

އިނގިރޭސިން ގަމުގައި ހަދައިފަވާ މެޑިކަލް ސެންޓަރުގައި ވެސް ދިވެހިން މަސައްކަތް ކުރި އެވެ. އެލަން ވިދާޅުވީ އޭރު އޭނާއާ އެކީ އާރްއޭއެފް އިން ތަމްރީންކޮށްފައި ހުރި އައްޑު އަތޮޅުގެ 14 މީހަކު ވެސް މެޑިކަލް ސެންޓަރުގައި މަސައްކަތް ކުރި އެވެ. އެ އެންމެނަކީ ވެސް ވަރަށް ހިތްހެޔޮ އަދި އެކުވެރި ބައެއްގެ ގޮތުގައި އެލަން ސިފަ ކުރި އެވެ.

"އޭރު ޑޮކްޓަރެއް ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް ހާސްވާ ކަމެއް. އެއީ މާބަނޑުމީހެއް އަޔަސް ކުޑަކުއްޖެއް ބަލި ވިޔަސް އެކްސިޑެންޓެއް ވިޔަސް ބަލައި އެމީހުންނަށް ފަރުވާ ދޭން ޖެހޭނީ އަހަރެމެން. ވަރަށް ހަނދާންވޭ މާ ބަނޑު އަންހެނަކާއި ދިވެހި މަސްވެރިޔަކަށް އަޅުގަނޑު ލޭ ހަދިޔާ ވެސް ކުރިން. ކޮންމެއަކަސް އޭރު އުޅުން ދިވެހި މުވައްޒިފުންނާއި އެކީ މަސައްކަތް ކުރަން ވަރަށް ފަސޭހަ. ހިއްގައިމު އެކުވެރި މާހައުލެއް އޮންނާނީ. މޮޅު ޑެންސިޓެއްވެސް ހުރޭ. އެކްސްރޭ ހަދާލަން ބޭނުންވީމަ އެ ހިދުމަތް ވެސް ލިބޭ،" އެލަން ވިދާޅުވި އެވެ.

އެލަން ވިދާޅުވީ އައްޑޫ ރައްޔިތުންނާއި އެންމެ ގާތުން ހިދުމަތް ހޯދަމުން އަންނަ ބަޔަކީ ޑޮކްޓަރުން ކަމަށްވާ އިރު ވަރަށް ވަރުގަދަ ގުޅުގެމެއް ދެފަރާތް މެދުގައި ވެސް އޮންނަ ކަމަށެވެ. އަދި އައްޑޫ މީހުންވެސް އެކި ކަންކަމުގައި އިނގިރޭސިންނަށް ވެސް އެހީވެ އެމީހުން ޖަހާހާ ސަކަރާތުގައި އިނގިރޭސިން ބައިވެރި ކުރާ ކަމަށެވެ.

"އައްޑޫ މީހުން އަހަރުންނަށް ވަރަށް އަޅައިލި އަހަރުމެން ވެސް އެހީވިން. ރީންދޫ އަޅައިފަ ހުއްޓަސް މީރު ރިހަ ގަނޑެއް ވެސް ކާންދޭ. އަދި ހާއްސަ ދުވަސްދުވަހު މަސް ރިހައާއި ކުޅުކު ރިހަވެސް ކާންދޭނެ. އަދި ފާހަގަ ކޮށްލަން ޖެހެނީ ރާއްޖޭގެ ކެއުންތަކުން ލާ ރަހަ އެހެން އެއްޗެއްސާ ވަރަށް ތަފާތު. ވަރަށް މީރު. އަދި އެމީހުނާއި އެކީ ޖެހިގެން އޮންނަ އަތޮޅާއި ދިމާލަށް މަސް ދަތުރުތަކުގައި ވެސް ގެންދޭ،" އެލަން ވިދާޅުވި އެވެ.

އެލަންގެ ވާހަކަތައް މިހެން ވިޔަސް ދިވެހި ތާރީހުގެ ފޮތްތަކުގައި ލިޔެފައި ހުރީ، ދިވެހިން އިނގިރޭސިންގެ އަމަލުތައް ކުށްވެރިކުރަމުން ދިޔަ ވާހަކަތަކެއް. ރައްޔިތުން މުޒާހަރާކޮށް އަޑު އުފުލަމުންދިޔައިރު އޭރުގެ ސަރުކާރުން އިނގިރޭސިންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ވާހަކަތަކެވެ.

މިނިވަން ކަމުގެ އެގްރިމެންޓްގައި ސޮއިކުރެވިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެހާ ހިސާބުން އާރްއޭއެފް ވެސް ގަމުން ފައިބަން ޖެހުނީ އެވެ. އައްޑޫމީހުނާއި އެކީ އުޅުން ހުރިހާ ހަނދާނެއް ދޫކޮށްލަން ޖެހުނީ އެވެ.

"ގަން ދޫކޮށްލައިފަ ދިޔުންވީ ވަރަށް ބޮޑު ހިތާމައަކަށް. ގަމުން ފައިބަން ޖެހުން އިރު ދެން އައްޑޫ ރައްޔިތުންނަށް ވާނީ ކިހިނެތް ކަމާއި މެދު ވިސްނާފައި ދެރަވި. އެކަމަކުވެސް އެއީ އަހަރުމެން އަތުގައި އޮތް ކަމެއް ނޫން. ރާއްޖެއާ އިނގިރޭސި ސަރުކާރުން އެމީހުންނަށް އެންމެ ރަނގަޅު ގޮތް ނިންމީ،" އެލަން ވިދާޅުވި އެވެ.

އެލަން ވިދާޅުވީ އޭނާ އަނބުރާ ރާއްޖެއަށް އަންނަން އަބަދުވެސް ހުންނަނީ ކެތް މަދުވެފައ ކަމަށާއި މިދަތުރުގައި އުންމީދު އޭރު މެޑިކަލް ސެންޓަރުގައި މަސްއްކަތް ކުރި މީހުނާއި ދިމާވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"މުހަންމަދު ސައީދާއި މުހައްމަދު ރަޝީދު މި ނަންތައް އަދިވެސް ހަނދާނުން ނުފިލާ. އަހަރެންނާއެކު އޭރު މަސައްކަތް ކުރަން އުޅުން ގާތް ބޭބެއިން ގޮތުގައި. ގިނަ ބަޔަކު މިވީ 40 އަހަރު ތެރޭގައި އަޅުގަނޑު ޔޫކޭގައި ހުރި އިރުވެސް ގުޅުން ބާއްވާ އެކަކު އަނެކަކަށް ލިޔަން. އަދި މި ދަތުރުގައި އަހަރެންގެ އެ އެކުވެރިން ދެކިލަން ވަރަށް ބޭނުންވޭ. މިހާރު އަހަރެން ދެކޭ ގޮތުގައި އަހަރުމެން ގަން ދޫކޮށްފައި ދިޔައީ ވަރަށް ރަނގަޅު އިތުބާރު ކުރެވޭ ސަރުކާރެއްގެ އަތް މައްޗައް،" އެލަން ވިދާޅުވި އެވެ.

އެލަން ވިދާޅުވީ ރާއްޖޭގައި އޭނާ ހޭދަ ކުރި ދުވަސް ތަކަކީ އޭނާގެ މެޑިކަލް ކެރިއާގެ ވަރަށް މުހިންމު ބައެއް ކަމަށާއި ޑޮކްޓަރެއް ގޮތުގައި މީހުންނަށް އަޅައިލާ ގާތްގުޅުން ބޭވުމުގެ އެތަށް ކަމެއް ދަސްވީ ރާއްޖެއިން ކަމަށެވެ. އެގޮތުން މި ދަތުރުގައި ބޮޑެތި ހަދިޔާތައް ފޭދޫގެ ސްކޫލުގެ ދަރިވަރުންނަށް ގެނައި ކަމަށާއި ގަމަށް އޮތް ބޮޑު ދެ ސަޕްރައިޒް ވެސް އޭނާ ގެނަ އެވެ.