ޕާކިސްތާން

ޕާކިސްތާނުގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 65 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ލަހޯރގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 65 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާގެ ޒިންމާ ޕާކިސްތާނުގެ ތޯލިބާނުންގެ ފެކްޝަނަކުން ވަނީ ޒިންމާ އުފުލާފަ އެވެ.

މި ބޮން ގޮއްވާލާފައިވަނީ ޕަބްލިކް ޕާކެއްގެ ބޭރުގައި ކަމަށް ޕާކިސްތާނުގެ ހެލްތު އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. ޖާނުން ފިދާވުމުގެ ހަމަލާ ދިން މީހާ އަމިއްލަ މީހާ ގޮއްވާލާފައިވަނީ، ޕާކިސްތާނުގެ ނަޞާރާއިން އީސްޓަރ ފާހަގަ ކުރަމުން ދަނިކޮށެވެ. މި ޕާކަ އަކީ ގިނަ އާއިލާތަކާއި ކުޑަ ކުދިން ގިނަގިނައިން ޒިޔާރަތް ކުރާ ތަނެއް ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ތޯލިބާނުގެ ފެކްޝަނެއް ކަމަށްވާ ޖަމާޢަތުލް ޢަހްރާރް އިންވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. އަދި މީގެ އިތުރުން، މިހަމަލާގެ ޒިންމާ ނަގާ، ތޯލިބާނުގެ ސްޕޯކްސްޕަރސަނެއް ބުނެފައިވަނީ މި ހަމަލާ އަމާޒްކުރީ ނަޞާރާއިންނަށް ކަމަށެވެ. މިހަމަލާއަށް ފަހު، ބޮން ގޮވި ސަރަހައްދުގައި ހަރަކާތްތެރިވި އޮފިޝަލުން ވިދާޅުވެފައިވަނީ، ގޮވީ ވަރަށް ވަރުގަދަ ބޮމެއް ކަމަށާއި، ބޮން ގޮވުމުގެ ސަބަބުން ބޮޑެތި އަނިޔާތަކާއި ގެއްލުންތަކެއް މީހުންނަށާއި އެ ސަރަހައްދަށް ލިބުނު ކަމަށެވެ.

އޮފިޝަލުން ވިދާޅުވެފައިވަނީ، އަދިވެސް މަރުވި މީހުންގެ އަދަދު މައްޗަށް ގޮސްދާނެ ކަމަށެވެ. އަދި މިހަމަލާއާއި ގުޅިގެން ފުލުހުން އެއްވެސް ބަޔަކު ހައްޔަރު ކޮށްފައެއް ނުވެޔެވެ.