ސްރީ ލަންކާއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ތިން ކިލޯ ހެރޮއިން އެތެރެކުރަން އުޅުން ހަތަރު ދިވެހިން ހައްޔަރުކޮށްފައިވާއިރު ފުރަތަމަ ހައްޔަރުކުރީ ދިވެހި ދެމަފިރިން ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ. އަދި އަނެއް ދެ ދިވެހިން ހައްޔަރުކުރީ އެދެމީހުންގެ ތަހުގީގަށްފަހު ކަމަށެވެ.
ޑެއިލީ ނޫހުގައި ބުނެފައި ވަނީ ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ލަންކާއަށް ތިން ކިލޯ ހެރޮއިން އެތެރެ ކުރަން އުޅުން ހަތަރު ދިވެހިންނާއި ލަންކާގެ ތިން މީހުން އަތުލައިގަނެފައިވާ ކަމަށެވެ. އަދި މިދެމީހުން ހައްޔަރުކޮށްފައިވަނީ ލަންކާ އެއާޕޯޓުގެ ބޭރުން ކަމަށެވެ. އަދި މިމީހުން ހައްޔަރުކޮށްފައިވަނީ ލަންކާ ފުލުހުންނާއި ދިވެހި މުއައްސަސާތައް ގުޅިގެން ހިންގި ހާއްސަ ތަހުގީގެއްގެ ދަށުން ކަމަށް ލަންކާ ފުލުހުން ބުނެފައިވެ އެވެ.
"މި ހަތަރު ދިވެހިންގެ ތަހުގީގަށްފަހު ލިބުނު މައުލޫމާތަށް ބަލައި ލަންކާ ތިން މީހުން ހައްޔަރުކުރީ. އެމީހުންގެ ތެރޭގައި ލަންކާ ރިންގުގެ ލީޑަރުވެސް ހިމެނޭ" ލަންކާ ފުލުހުން ބުނެފައިވެ އެވެ.
މިމައްސަލައިގައި ލަންކާ ފުލުހުން އިތުރަށް ބުނެފައިވަނީ މިއީ ޕާކިސްތާނާއި ލަންކާ އަދި ރާއްޖެ ގުޅިގެން ހިންގާ މަސްތުވާތަކެތީގެ ރިންގެއް ކަމަށެވެ.
ދާދިފަހުން ރާއްޖޭގެ ކަސްޓަމްސް އިން ވެސް ވަނީ ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކުވެސް ހައްޔަރުކޮށްފަ އެވެ.