ނޫސްވެރިން

އޮތް ގޮތަށް އަބުރުގެ ބިލު ފާސްވެއްޖެނަމަ މިނިވަން ނޫސްވެރިކަން ނެތިގެން ދާނެ: އިސް ނޫސްވެރިން

އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމްކޮށްލާނެ ބިލެއް ކަމަށް ނޫސްވެރިކަމުގެ ދާއިރާގައި ތިއްބެވި ބައެއް ސީނިއާ ނޫސްވެރިން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިހާރު ފޮނުވާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާއި މެދު ކަންބޮޑުވުން ފާޅުކޮށް ސީނިއާ ނޫސްވެރިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

ބަޔާން ނެރުނު ސީނިއާ އަދި މަޝްހޫރު ނޫސްވެރިންނަކީ މޫސާ ލަތީފާއި ހިރިގާ އަހުމަދު ޒާހިރާއި އިމާދު ލަތީފާއި މުންޑޫ އާދަމް ހަލީމާއި އަހުމަދު އަބްދުﷲ ސައީދާއި މިދުހަތު އާދަމާއި އަހުމަދު ހަމްދޫނާއި ހުސައިން ފިޔާޒު މޫސާ އާއި އިސްމާއީލް ރަޝީދު އަދި ޒަހީނާ ރަޝީދެވެ.

މި ނޫސްވެރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެންމެހާ ހައްގުތައް ހިމާޔަތްކޮށް ދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނު އަސާސީގެ 18 ވަނަ މާދާގައި ބުނެފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ބިލުން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅި، އަސާސީ ހައްގުތަކުން ރައްޔިތުން ރައްޔިތުން މަހުރޫމްވުމުގެ ބިރު އެބައޮތް ކަމަށެވެ.

ބިލު އޮތްގޮތުން ދައުލަތުގެ އެކި މަގާމްތަކުގައި ތިބޭ މީހުންގެ އިންޓަގްރިޓީ އާއި އެމީހުންނާ މެދު ކުރެވޭ ސީރިއަސް ތުހުމަތުތަކާއި ބެހޭގޮތުން ނޫސްވެރިންގެ އިތުރުން އާންމު ފަރުދަކަށްވެސް ވާހަކައެއް ނުދެއްކޭނެ އެވެ. އަދި ދައުލަތުން މުސާރަދޭ، އަދި ގާނޫނުތަކުން ވަކި ޒިންމާއެއް ހަވާލުކޮށްފައިވާ މީހުން ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބަލައި އެކަމާމެދު ސުވާލުކޮށް ފާޑު ކިޔައި ބަހުސްވެސް ނުކުރެވޭނެ އެވެ. ނަމަވެސް ދައުލަތުގެ ހިންގުންތެރިކަމާމެދު ސުވާލުކޮށް ފާޑުކިޔުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގަކަށްވާއިރު، އެ ހައްގުން ރައްޔިތުން މަހުރޫމް ވުމަކީ ގާނޫނު އަސާސީގެ ހަމަތަކާއިވެސް ހިލާފު ކަމެކެވެ.

"... އެ ބިލުގައި ހުރި މާއްދާތަކުން އެނގެނީ އެ ބިލު ގާނޫނަކަށް ވެއްޖެނަމަ ހިތްހަމަނުޖެހޭ ކިތަންމެ ކުޑަ ވާހަކައެއް ބަޔަކު ދެއްކިޔަސް ނުވަތަ މީޑިއާގައި ޝާއިއު ކުރިޔަސް އަބުރާ ބެހުމުގެ ހުއްޖަތް ދައްކައި ފުލުހުން މެދުވެރިކޮށް ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.

ސީނިއާ ނޫސްވެރިންގެ ބަޔާނުގައި ބުނަނީ އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމަށް މި ޒަމާނުގެ ޑިމޮކްރަސީ ގަބޫލު ނުކުރާއިރު އަދި އަސާސީ ހައްގުތަކާބެހޭ މުއާހަދާތަކުގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާއިރު، އަބުރާބެހުން ޖިނާއީ ކުށަކަށް ހެދުމަކީ ބައިނަލް އަގުވާމީ މުޖުތަމައުވެސް ބަލައިނުގަންނާނެ ކަމަކަށް ނުވާނެ ކަމަށެވެ. އަބުރާއި ބެހުން ހިމާޔަތްކުރުމަށް މިހާރު އެފަދަ ކުށެއް ކޮށްގެން ނަގާ ހަރަދު ބޮޑުކުރުން ފަދަ އަދަބު އޮތް އިރު، އެފަދަ ބިލެއް ހުށަހެޅުމުން ހިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ސަރުކާރުން ކުރާ މަސައްކަތްތަކާމެދު ސުވާލު އުފެދޭ ކަމަށެވެ.

ބިލު ދިރާސާކޮށް، އޭގައި މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭގޮތަށް ހިމަނާފައި ހުރި ބައިތައް އުނިކޮށް ނޫސްވެރިކަމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައްވެސް ކަމާބެހޭ މުއައްސަސާތައް މެދުވެރިކޮށް ހައްލުކޮށްދިނުމަށް އެ ބަޔާނުގައި ގޮވާލާފައިވާ ބަޔާނުގައި ބުނަނީ މި ބިލް އޮތް ގޮތަށް ފާސްކޮށްފިނަމަ އަނެއްކާވެސް އަންޑަގްރައުންޑު މީޑިއާތައް އުފެދި އޭގެ އުނގުދަގޫ އެންމެނަށް ވެސް ކުރިމަތިވާނެ ކަމަށެވެ.

"... ނޫސްވެރި ކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅި އެ ޒިނާމު ރަނގަޅަށް މަސައްކަތް ކުރާގޮތް ނުވެއްޖެ ނަމަ ދެން އުފެދޭ ކޮން ބައެއްކަން ނޭނގޭ ގޮތަށް ހިނގާ ވެބްސައިޓްތަކަށް ރައްޔިތުންގެ ގިނަ ބަޔަކު އެނބުރޭނެ ކަން 2004 އިން 2008 އާ ދެމެދު ދިވެހިން ވަނީ ތަޖުރިބާކޮށްފަ އެވެ،" ބަޔާނުގައި ވެއެވެ.