ދުނިޔެ

ޓެރަރިސްޓް ހަމަލާގައި ޕާކިސްތާނުން 70 މީހުން މަރުވި

ޕާކިސްތާނުގެ ލާހޯރުގައި ދިން ޓެރަރިސްޓް ހަމަލާގައި 70 މީހުން މަރުވި ކަމަށް ރިޕޯޓްތައް ކަށަވަރުކޮށްދީފަ އެވެ.

އެ އަދަދަށް މީހުން މަރުވެފައިވާއިރު އެ ހަމަލާގައި 300 އަށް ވުރެ ގިނަ މީހުންނަށް ޒަހަމްވި ކަމަށް ވެސް އޮފިޝަލުންވަނީ ވިދާޅުވެފަ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހަމަލާގައި ގިނައިން މަރުވީ އަންހެނުންނާއި ކުޑަ ކުދިންނެވެ. އަދި ޒަހަމްވި މީހުންގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ.

ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ތޯލިބާނުންގެ ފެކްޝަނަކުންނެވެ. މިއީ ތޯލިބާނުންނާއި ވަކިވެގެން، އައި އެސްއަށް ތާއިދު ކުރާ ކަމަށް ބުނެ، އައިއެސްއަށް މަސައްކަތް ކުރަމުންދާ ފެކްޝަނެކެވެ.

އޮފިޝަލުން ހާމަ ކުރި ގޮތުގައި، ޖާނުން ފިދާވިމީހާ ބޮން ގޮއްވާލާފައިވަނީ ކުޑަކުދިންގެ ޕްލޭގްރައުންޑެއް ކައިރީގަ އެވެ. އަދި މި ހަމަލާގެ ފަހުން، ތޯލިބާންގެ ޖަމާޢަތުލް އަހްރާރް ފެކްޝަނުން ވަނީ އެމީހުންގެ ސްޕޯކްސްޕަސަން މެދުވެރިކޮށް ޕާކިސްތާނުގެ ސަރުކާރަށް އިންޒާރު ވެސް ދީފައެވެ. މި މެސެޖުގައި މި ފެކްޝަނުން ބުނެފައިވަނީ، މިއީ ބޮޑި ވަޒީރު ނަވާޒް ޝަރީފަށް މި ފެކްޝަން ލަހޯރަށް އެތެރެވި ކަން އަންގައިދިނުމުގެ ހަމަލާއެއް ކަމަށެވެ.

މި ފެކްޝަނުގެ ސްޕޯކްސްޕާސަން ބުނެފައިވަނީ، އަދި ވެސް އިތުރަށް މިކަހަލަ ހަމަލަތަކެއް ދޭނެ ކަމަށާއި އިތުރު ހަމަލާ ދޭން ތައްޔާރުވެފައިވާ ކަމަށެވެ.

މިހަމަލާ އާއި ގުޅިގެން، ޕާކިސްތާނުގެ މިލިޓަރީ ސްޕޯކްސްޕާސަން ވިދާޅުވެފައިވަނީ، މިހަމަލާގެ ފަހަތުގަ ތިބި މީހުންނަށް ހައްގު ސަޒާ ލިބެންޖެހޭނެ ކަމަށެވެ. އަދި ޕާކިސްތާނު އެކްސްޓްރީމިސްޓުންގެ އަތްދަށުވިޔަ ނުދޭނެކަމަށެވެ.