ސިނަ މާލެ ބްރިޖް

ބްރިޖް ސާމާނު ޓެސްޓުކުރާ ލެބޯޓަރީއެއް ހުޅުމާލޭގައި ހަދައިފި

މޯލްޑިވްސް - ޗައިނާ ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތަށް ބޭނުން ކުރާ ސާމާނާއި ތެކެތި ޓެސްޓު ކުރާ ލެބޯޓަރީއެއް ގާއިމްމޮށްފި އެވެ.

ބްރިޖު މަސައްކަތާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަން ހައުސިން މިނިސްޓަރީގައި މިއަދު ބޭއްވި ޕްރެސްކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބްރިޖު މަސައްކަތުގެ ކޮންސަލްޓަންޓެއް ގޮތުގައި ޗައިނާ ސަރުކާރުން ހޮވާފައިވާ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ބްރިޖުތައް އަޅައިފަވާ ކުންފުންޏެއް ކަމަށާއި އެގޮތުން އެކުންފުނިން ރާއްޖޭގައި ގާއިމްވެ ތިބެ މި ޕްރޮޖެކްޓުގެ ކޮލިޓީ ބަލަމުން ދާ ކަމަށެވެ.

އެގޮތުން ބްރިޖުގެ މަސައްކަތަށް ބޭނުންކުރާނެ ސާމާނުތައް ޓެސްޓު ކުރުމަށް ލެބެއް ހުޅުމާލޭގައި ގާއިމް ކުރުމުގެ މަސައްކަތް ކޮށް އެ ލެބޯޓަރީގެ އިމާރާތް ހުޅުމާލޭ ބްރިޖުސައިޓުގައި މިހާރު އަޅައި ނިންމައި، އިކްއިޕްމަންޓުތައް ކެލިބަރޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ސީސީސީސީ އިން ގަވައިދުން ޗައިނާ ސަރުކާރަށް ކޮންމެ މަހަކު ކޮލަޓީ ބަލައި ރިޕޯޓު ކުރަމުން އެބަދޭ. އަދި ހައުސިން މިނިސްޓަރީގެ ޓީމާއި އެކީގައިވެސް ވަރަށް ގާތުން މި މސައްކަތް ބަލަމުންދޭ. އެހެންވީމަ މި ބްރިޖުގެ ފެންވަރާއި ދޭތެރޭ ސުވާލު ކުރުމުގެ އެއްވެސް ޖާގައެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖްގެ މުހިންމު މައުލޫމާތު

- ދިގުމިނުގައި 1.39 ކިލޯމީޓަރު
- ދެ ކޮޅުގައި ހަދާ މަގުތަކާ އެކު މުޅި ބްރިޖުގެ ދިގުމިން ގާތްގަނޑަކަށް 2 ކިލޯމީޓަރަށް އަރާ
- ފުޅާމިނުގައި 20.3 މީޓަރު
- ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ 2 ލޭން އޮންނާނެ
- ސައިކަލް ދުއްވަން ދެ ލޭން އޮންނާނެ
- ބައިސްކަލަށް ހާއްސަ ލޭނެއް ވެސް ހަދާނެ
- ހިނގާ މީހުންނަށް ވެސް ހާއްސަ ލޭނެއް
- ބްރިޖްގެ ކޮންޓްރެކްޓަރުގެ އަގަކީ 200 މިލިއަން ޑޮލަރު
- ބްރިޖްގެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ސީސީސީސީ
- މަސައްކަތް ނިމަން ޖެހެނީ 30 މަސް ދުވަހުން
- ބްރިޖް ބޭނުން ކުރަން ފަށާނީ ޖޫން 2018 ގައި