ފިނިޕޭޖް

ފާޑުކިޔުންތެރިންނަށް ބެޓްމޭން އާއި ސުޕަމޭން ނުހިފެހެއްޓުނު

ފާޑުކިޔުންތެރިންގެ ހަމަލާތައް މެދުނުކެނޑި އަމާޒުކޮށްފައިވީ ނަމަވެސް ޑީސީ ކޮމިކްސްގެ އަދި ސުޕަހީރޯ ދުނިޔޭގެ އެންމެ މަޝްހޫރު ދެ ސުޕަހީރޯ އިން މި ވަނީ އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ޑައިރެކްޓަރު ޒެކް ޝްނައިޑާގެ އާ ފިލްމު "ބެޓްމޭން ވާސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް" ސަލާމަތްކޮށް ރިކޯޑް ވެސް މުގުރާލައިފަ އެވެ.

ފިލްމުގެ ފުރަތަމަ ފަސް ދުވަހުގައި ބޮކްސް އޮފީހުގެ މުޅި ޖުމްލަ 424 މިލިއަން ޑޮލަރަށް އަރާފައިވާއިރު އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި މި ފިލްމަށް ލިބުނު ފައިސާގެ އަދަދު 170.1 މިލިއަން ޑޮލަރަށް އަރަ އެވެ. މިއީ މާޗް މަހެއްގައި ޕްރިމިއާކުރި ހޮލީވުޑްގެ ފިލްމަކަށް ބަލާއިރު ރިކޯޑް އަދަދެކެވެ.

މި ފިލްމަކީ 250 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ފިލްމަށް ކިތަންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް ބޮކްސް އޮފީހުގެ ހިސާބުތައް ދައްކާ ގޮތުން މިއީ ވާނާ ބްރަދާސް އަށް އެތައް މިލިއަން ޑޮލަރުގެ ފައިދާކުރުވާނެ ފިލްމެކެވެ. މި ފިލްމު ބޮޑު ކާމިޔާބީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު މިފަހުން ވާނާ އިން ގެނެސްދިން މަޝްހޫރު ގިނަ ފިލްމުތަކެއް ފްލޮޕްވެފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

"ބެޓްމޭން ވާސަސް ސުޕަމޭން" އަކީ މި ދެ ސުޕަހީރޯ އެކުގައި ބޮޑު ސްކްރީނަށް ގެނެސްދިން ފުރަތަމަ ލައިވް އެކްޝަން ފިލްމެވެ. އަދި މި ފިލްމަކީ ވާދަވެރި މާވެލްގެ ސިނެމެޓިކް ޔުނިވާސްގެ މަގްބޫލުކަން ފަނޑުކޮށްލުމަށް ޑީސީ އިން ފަށާފައިވާ ތައްޔާރީތަކުގެ ތެރެއިން ނެރުނު ފުރަތަމަ ފިލްމުކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ފިލްމުގެ ޓައިޓްލްގައި ވެސް ބުނެފައިވާ ފަދައިން މި ފިލްމަކީ ޑީސީގެ "ޖަސްޓިސް ލީގު" ގެ ފެށުމެވެ. ފިލްމުގައި ސުޕަމޭން އާއި ބެޓްމޭންގެ އިތުރުން ވޮންޑަވުމަން ފަދަ ޑީސީގެ އެހެން ހިތްގައިމު އަދި އެހާމެ ބާރުގަދަ ސުޕަހީރޯ އިން ވެސް ދައްކާލާފައިވެ އެވެ.

ފިލްމުގައި ބެޓްމޭންގެ ރޯލު ކުޅެފައި ވަނީ ބެން އެފްލެކް އެވެ. ސުޕަމޭން އަކީ ހެންރީ ކެވިލް އެވެ.

މި ފިލްމަށް ފަހު ވާނާ ބްރަދާސް އިން ވަނީ ޑީސީ ކޮމިކްސްތަކާ އެކު އިތުރު ގިނަ ފިލްމުތަކެއް ވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމަ އަށް އަންނާނެ ބޮޑު ފިލްމަކީ އޯގަސްޓް މަހު ނެރެން ތައްޔާރުވަމުން އަންނަ "ޑެޑްޕޫލް" އެވެ.