ފިނިޕޭޖް

އައިޑޮލްގެ ފިނާލޭގައި ކެރީ އަންޑަވުޑާއި ކެލީ ކްލާކްސަން ޕާފޯމްކުރާނެ

ޓީވީ އިން ގެނެސްދޭ މި ޒަމާނުގެ ލަވަމުބާރާތްތަކުގެ ޝަރަފްވެރި ކާފަ ކަމުގައިވާ އެމެރިކަން އައިޑޮލް އޭގެ 15 ވަނަ "އައިޑޮލް" ހޮވުމަށް އަދި އެ ލަވަކިޔުންތެރިޔާއާ އެކު މި ޝޯ ތާރީޚުގެ ތެރެއަށް ދޫކޮށްލަން ތައްޔާރުވަމުން އަންނައިރު މި ޝޯގެ ގްރޭންޑް ފިނާލޭ ފަޅުފިލުވައިދޭނީ އެމެރިކަން އައިޑޮލް އިން އުފެއްދި އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ދެ ލަވަކިޔުންތެރިން ކަމުގައިވާ ކެރީ އަންޑަވުޑާއި ކެލީ ކްލާކްސަން އެވެ.

އެމެރިކަން އައިޑޮލްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންދާނީ ތިން ރެއަކަށް ބަހާލައިގެންނެވެ. އެގޮތުން އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު މި ސިލްސިލާއެއް ފަށާއިރު ކެރީ އަންޑަވުޑާއި ކެލީ ކްލާކްސަންގެ އިތުރުން އައިޑޮލްގެ އޮރިޖިނަލް ތިން ޖަޖުން ކަމުގައިވާ ސައިމަން ކައުލް އާއި ޕައުލާ އަބްޑުލް އަދި ރޭންޑީ ޖެކްސަން ވެސް ގްރޭންޑް ފިނާލޭ އިން ފެނިގެންދާނެ އެވެ.

މީގެ އިތުރުން އެމެރިކަން އައިޑޮލްގެ ފަރުދާގެ ފަހަތުގައި މަސައްކަތްކުރާ ޓީމުގެ އާދަޔާހިލާފު ވާހަކަތަކާއި ޝޯއާ ބެހޭ ގޮތުން ކުރިން އާންމުކޮށްފައި ނުވާ އެތައް ވާހަކަތަކެއް ވެސް ގްރޭންޑް ފިނާލޭގެ ތިން ރޭގައި ބެލުންތެރިންނާ ހަމަ އަށް ގެނެސްދޭނެ އެވެ.

ކެލީ ކްލާކްސަން އަކީ އައިޑޮލް 2002 ވަނަ އަހަރު ތައާރަފްކުރި މުބާރާތް ކާމިޔާބުކުރި ލަވަކިޔުންތެރިޔާ އެވެ. ކެރީ އަންޑަވުޑަކީ 2005 ވަނަ އަހަރުގެ މުބާރާތް ގެންދިޔަ ފަރާތެވެ. އަދި މިހާތަނަށް އައިޑޮލް އިން އުފެއްދުނު ލަވަކިޔުންތެރިންތަކަށް ބަލާއިރު އެންމެ ކާމިޔާބު އާޓިސްޓަކީ ވެސް މިއީ އެވެ.

އެމެރިކަން އައިޑޮލްގެ ގްރޭންޑް ފިނާލޭގެ ފަހު އެޕިސޯޑް ފޮކްސް އިން ލައިވްކޮށް ދުރަށް ފޮނުވާނީ އެޕްރީލް ހަތެއްގަ އެވެ.