ހަބަރު

ރައީސް ޔާމީން މެލޭޝިއާއަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މެލޭޝިއާއަށް ވަޑައިގެންފި އެވެ. ރައީސްގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ.

މާދަމާ ރާއްޖެ އާއި މެލޭޝިއާ ދެމެދު ރަސްމީ ވާހަކަތަކަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރައީސްގެ މި ދަތުރުފުޅަކީ، މެލޭޝިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިއީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މި ދަތުރުފުޅުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ.