ހަބަރު

"ރައީސާ އަޅުގަނޑާ ދެމެދު ހިލާފު އުފެދިފައިވާ ކަމަށް ބުނަނީ ދޮގެއް"

Jan 30, 2015

ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސާ ދެމެދުގަ އާއި ޕާޓީގެ ތެރޭގައި އެއްވެސް މައްސަލައެއް އަދި ހިޔާލު ތަފާތުވުމެއް ވެސް ނެތް ކަމަށާއި އެއީ ފިތުނަ އުފައްދަން ބަޔަކު ދައްކަ ވާހަކަތަކެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެއީ މިހާރަކަށް އައިސް ވަރަށް ގިނަ މީހުން ދައްކާ ވާހަކައެއް ކަމަށާއި ހާއްސަކޮށް އެ ވާހަކަ ދައްކަނީ ޕީޕީއެމަށް ހެޔޮ ނޭދޭ މީހުން  ކަމަށެވެ. އަދި މިހާރުގެ ސަރުކާރަށް ހެޔޮ ނޭދޭ މީހުން ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސަރުކަރަށް ހެޔޮނޭދޭ މީހުން ދައްކާ ވާހަކައަކީ ޕީޕީއެމްތެރޭގައި އެބައުޅެޔޭ ހިލާފުތަކެއް މައްސަލަތަކެއް! ޕީޕީއެމް އެއް ގަލަަކަށް ނާރާއޭ. ޕީޕީއެމްގެ ރައީސާއި މުސްތަސާރާ ދެމީހުންގެ ހިޔާލުތަފާތޭ! އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއީ ހަމަ ކަނޑައެޅިގެންގެ ދޮގެކޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޕީޕީއެމަކީ އެއްބައިވަންތަ ޕާޓީ އެއް ކަމަށާއި ޕީޕީއެމްގެ ތެރޭގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ. އެމަނިކުފާނު އެކަން ޔަގީންކޮށްދެއްވާ ކަމަށެވެ.

"ޕީޕީއެމްތެރޭގައި އެއްވެސް ހިޔާލު ތަފާތު ވުމެއް ނެތް. މިއީ ޔަގީން ކަމެއް! އަޅުގަނޑު ޕީޕީއެމްގެ ހުރިހާ މެނމްބަރުންނަށް އަރުވަން ބޭނުންވާ ޔަގީން ކަމަކީ ކުރިޔަށް އޮތް ތާނަގައި ވެސް ޕާޓީ އޮންނާނީ ވަރަށް ވަރުގަދަ އެއްބައިވަންތަ ޕާޓީއެއް ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން ބަޔަކު ދައްކާ ވާކަތަކަށް ބީރު ކަންފަތެއް ދިނުމަކީ އަޅުގަނޑު އެދޭ އެދުމެއް،" މައުމޫން ވިދާޅުވި އެވެ.

އަލިމަސް ކާނިވާގައި ބޭއްވި ޖަލްސާގައި އަލަށް އެޕާޓީއާ ގުޅި ވަޑައިގެންނެވީ މަޖިލިސް މެންބަރު ޔާމީން ރަޝީދަށާއި ޖޭޕީ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުން ގުޅުނު ގިނަ އަދަދެއްގެ ފަރާތްތަކަށް މަރުހަބާ ދަންނަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމަކީ ވަރަށް ކާމިޔާބު ސިޔާސީ ޕާޓީއެއް ކަމަށާއި ޕާޓީ އުފެދުނު ތެރޭގައި ތިން އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ ކެންޑިޑޭޓަކު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ ދުނިޔޭގައި އެއްވެސް ގައުމެއްގައި ވެފައި އޮތް ކަމެއް ވެސް ހީފުޅު ނުކުރެއްވޭ ކަމަށެވެ.

"މިހާރު ޕާޓީގެ މެންބަރުންގެ އަދަދު ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ. މިރޭ ވެސް ބޭފުޅަކު އިތުރުވެއްޖެ ހަމައެއާއެކު ކައުންސިލަތްކުގައި ވެސް އެންމެ ގިނައީ ޕީޕީއެމްގެ މެންބަރުން  ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ވެސް އެންމެ ގިނައިން ތިބީ ޕީޕީއެމްގެ މެންބަރުން އަޅުގަނޑު ދެކޭ ގޮތުގައި ސައްހަ މެމްބަރުގެ އަދަދު އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ޕީޕީއެމް،"

ޕީޕީއެމް ކާމިޔަބު ޕާޓީއަކަށްވީ ކީއްވެގެންތޯ ސުވާލު ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ޖަވާބު ވަރަށް ސާދާ ކަމަށާއި ޕީޕީއެމަކީ ނަތީޖާ ހާސިލް ކުރާ ޕާޓީއަކަށްވުމުން ކަމަށެވެ. އަދި ޕީޕީއެމަކީ ހަމައެކނި ވާހަކަ ދައްކާ ޕާޓީއެއް ނުވާތީ ކަމަށެވެ.

"ވާހަކަ ދައްކާ މީހުންނަށް ވަރަށް ގިނަ ވަހަކަ ދެއްކިދާނެ މިހާރު ވެސް ދައްކަމުން އެބަގެންދޭ އެހިސާބުން އެކަން ނިމުނު ކަމަށްވަންޏާ ޕީޕީއެމަކީ މާބޮޑު ޕާޓީއެއް ނޫން. ނަމަވެސް ޕީޕީއެމަކީ ދައްކާ ވާހަކައާ އެއްގޮތަށް އަމަލު ކުރާ ޕާޓީއެއް  ނާތީޖާ ހާސިލް ކޮށްދޭ ޕާޓީއެއް. މި ސަރުކާރުގެ އެއް އަހަރާ ދެމަސް ދުވަހުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ކޮށްފި ވަރަށް ގިނަ ނަތީޖާ ނެރެފި އަޅުގަނޑުމެނަކީ ބޭކާރު ވާހަކަ ދައްކަން ޕޯޑިއަމްތަކުގައި ނުވަތަ މަޖިލީހުގައި މުޒާހަރާތކުގައި ތިބިބައެއް ނޫން ކަން މިހާރު ރައްޔިތުންނަށް އެގޭނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.