މޯލްޑިވްސް ޕޮލިސް ސާވިސް

އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް ޕޯސްޓްމޯޓަމް ނަތީޖާއިން ދައްކައިފި

ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ އޮޓޮޕްސީން ރިޕޯޓުން ދައްކާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ޔަގީންކޮށްދިން ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ. ސަބަބެއް ކަމަށް ބުނީ އަތުހަރުގެ މަރާ ގުޅިގެން ފުލުހުންނާ ގުޅޭ މައްސަލަތަކެއް އެޗްއާރްސީއެމްއާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަމުންދާތީ ކަަމަށެވެ.

މާލޭގައި މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އަތުހަރު، ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި އޭނާ ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލު ގޮޅީގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ 7:02 ހާއިރު އެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ވެއްދުނީ އެ ރޭ 7:25 ހާއިރު އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވީ މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު 4:08 ހާއިރު އެވެ.

"މިމައްސަލައާއި ގުޅިގެން މިނިވަން މުއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ދިވެހި ފުލުހުންގެ ހިދުމަތުން ފުރިހަމައަށް އެއްބާރުލުން ދެމުންގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުން އެރޭ ނެރުނު ބަޔާނުގައިވެ އެެވެ.

އަތުހަރު ރަހީނުކުރި އަންހެނަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ދެ މީހުން ކުއްޔަށް ދިރިއުޅެމުން ދިޔަ ގޭގައި އަންހެން މީހާ ރަހީނުކޮށް، ވަޅިން ބިރު ދެއްކުމަށްފަހު އެ އަންހެން މީހާ ގޮވައިގެން ގެއިން ބޭރަށް ނިކުމެ ސައިކަލެއްގައި ދާން މަސައްކަތް ކުރަނިކޮށް އޭނާގެ ފަހަތުން ފުލުހަކު އައިސް ބޮލުގައި އެއްޗަކުން ޖެހުމުން އަތުހަރަށް އެރޭވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.

އަތުހަރުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިންޑިއާއަށް ފޮނުވައިގެން ހެދީ މި މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި އޭނާގެ ހަށިގަނޑުގެ ވަޅުލީ މިމަހުގެ އަށްވަނަ ދުވަހު އެވެ.