ދިރާގުގެ ފިކްސްޑް ނެޓްވޯކް އަޕްގްރޭޑްކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން މިހާރު ހިނގަމުނދާ މަޝްރޫއުގެ %95 މަސައްކަތް ނިންމާލެވިފައިވާ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރިން ދިރާގު ކަސްޓަމާ ފްރަންޓް އޮފީސް ހިންގަމުން އައި މެދުޒިޔާރަތް މަގު ސައިޓުގައި ހުރި ވަރަށް މުހިންމު ޓެކްނިކަލް އިކުއިޕްމަންޓްތަކެއްވެސް ދަނީ އެހެނިހެން ސަރަހައްދު ތަކަކަށް ބަދަލުކުރެވެމުން ކަމަށެވެ. މި މަސައްކަތާއި ގުޅިގެން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ދިރާގުން ވާނީ މީގެ ކުރިން އެކި ފަހަރު މަތިން އަންގާފަ އެވެ.
މީގެ ސަބަބުން އިންޓަނެޓްގެ ހިދުމަތް ލިބުމުގައި ދަތިވާ ކަސްޓަމަރުންގެ ހިދުމަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް، މަސައްކަތް ކުރިޔަށް ގެންދެވިދާނެ ގޮތްތައް މިހާރުވެސް ބަލަމުންދާ ކަމަށް ވެސް ދިރާގުން ބުންޏެވެ.
"މި ފުރުސަތުގައި، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރެވެމުންދާ މި މަސައްކަތްތަކުގެ ސަބަބުން ހިދުމަތަށް ބުރޫ އަރާ ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް ދިރާގުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ. އަދި ކުރިޔަށް އޮތްތަނުގައި މި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކުރެވިދާނެ އެންމެހާ ކަންކަންވެސް ބަލަމުންދާ ވާހަކަ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.