ދުނިޔެ

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކައިރީގައި ބަޑި ޖަހައިފި

އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ކެޕިޓަލް ހިލް ކައިރީގައި ބަޑިން ހަމަލާދީފި އެވެ. ބަޑިން ހަމަލާދިން މީހާ މިހާރު ހައްޔަރުކޮށްފައިވާ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގައި ކެޕިޓަލް ވިޒިޓާސް ސެންޓަރު ކައިރީގައި ފުލުހަކަށް ބަޑިން ހަމަލާދިން ކަމަށް ރިޕޯޓްކުރި ނަމަވެސް ފަހުން ވަނީ ފުލުސް މީހާއަށް އަނިޔާވީ ބަޑީގައި ހަމަލާގައި ނޫން ކަމަށް ބުނެފަ އެވެ. އެ ސަރަހައްދުގައި ދިން ބަޑީގެ ހަމަލާ އެއްވެސް މީހަކަށް އަމާޒުވެފައެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިއީ އަދި ޔަގީން ކުރެވިފައިވާ މައުލޫމާތެއް ނޫނެވެ.

މި ހަމަލާއާ ގުޅިގެން އެމެރިކާގެ ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ހަމައެކަނި ބުނެފައިވަނީ އެ ސަރަހައްދު އޮތީ ފުލުހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި ވަރަށް އަވަހަށް އޮފިޝަލް ބަޔާނެއް ނެރޭނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ކެޕިޓަލް ހިލް ހިމެނޭ ސަރަހައްދާއި ވައިޓް ހައުސް ހިމެނޭ ސަރަހައްދު ބަންދުކުރި އެވެ. މިހާރު ވައިޓް ހައުސް ހިމެނޭ ސަރަހައްދު ހުޅުވާފައިވާއިރު ކެޕިޓަލް ހިމެނޭ ސަރަހައްދު އަދިވެސް ނުހުޅުވަ އެވެ.

ޔަގީން ނުވާ ރިޕޯޓްތައް ބުނާ ގޮތުގައި، ވައިޓް ހައުސްއަށް ވަންނަން މަސައްކަތްކުރި މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.