ބޭރު ކުޅިވަރު

ޓީމުން ޖާގަ ހޯދަން ސްޓަރިޖް ގަވާއިދުން ކުޅެންޖެހޭ: ކޯޗު

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ދާ އިނގިރޭސި ގައުމީ ޓީމުން ޖާގަ ހޯދުމަށް ލިވަޕޫލްގެ ފޯވަޑް ޑެނިއަލް ސްޓަރިޖް ގަވާއިދުން މެޗުތައް ކުޅުން މުހިންމުކަން ގައުމީ ކޯޗު ފާހަގަކޮށްފި އެވެ.

ކޯޗު ރޯއި ހޮޖްސަން މިކަން ފާހަގަކުރީ ނެދަލޭންޑްސްއާ ދެކޮޅަށް މިރޭ ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގެ ފުރަތަމަ 11ގައި ސްޓަރިޖް ކުޅޭނެކަން ކަށަވަރުކޮށްދިނުމަށްފަހު އެވެ. މިއީ ފާއިތުވެދިޔަ ދޮޅު އަހަރުތެރޭގައި ގައުމީ ޓީމުގައި ސްޓަރިޖް މެޗެއް ސްޓާޓްކުރާ ފުރަތަމަ ފަހަރެވެ. އޭނާ އަށް ވަނީ އަނިޔާގެ ސަބަބުން ޔޫރޯ ކޮލިފައިންގެ ހުރިހާ މެޗެއް ވެސް ނުކުޅެވިފަ އެވެ.

"އޭނާގެ ގޯލު ޖެހުމުގެ ހުނަރާމެދު އެއްވެސް ޝައްކެތްނެތް. އޭނާ ޖެހެނީ ގިނަ މެޗުތައް ކުޅެން،" މިރޭގެ މެޗުގައި އިނގިރޭސި ކެޕްޓަން ބޭންޑް އަޅާ ލިވަޕޫލްގެ ޖޭމްސް މިލްނާ ބުންޏެވެ.

ހޮޖްސަން ބުނީ ކުރިއަށް އޮތް ހަ ހަފުތާ އަކީ ކުޅުންތެރިން ކުލަބުގައި ގަވާއިދުން މެޗުތައް ކުޅެން ޖެހޭ ދުވަސްވަރެއް ކަމަށާއި ނުކުޅެ ބެންޗުގައި އިންނަ ކުޅުންތެރިން ޓީމަށް ނަގަން އޭނާ އަށް ދަތިވާނެ ކަމަށެވެ.

"ކުރިއަށް މިއޮތް ހަ ހަފުތާ އެމީހުން ކުޅެންޖެހޭނެ. މިއީ ކުޅުންތެރިންނަށް ވަރަށް މުހިންމު ދުވަސްކޮޅެއް،" ކޯޗު ބުންޏެވެ.

މިދިޔަ ހަފުތާގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު 3-2އިން ބަލިކުރުމަށްފަހު މިރޭ އަމިއްލަ ދަނޑުގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅޭއިރު ހޮޖްސަން ބުނީ އެއީ ވަރުގަދަ ޓީމެއް ކަމަށެވެ.

"އަހަރުމެންނަށް އުފާކުރެވިދާނެ ޖަރުމަނު ބަލިކުރުމުން. މި މެޗަކީ ވެސް އަހަރުމެން ޓެސްޓް ކުރެވިދާނެ މެޗެއް. ނެދަލޭންޑްސް ޔޫރޯ އަށް ކޮލިފައިނުވި ނަމަވެސް އެއީ މޮޅު ކުޅުންތެރިންތިބި މޮޅު ޓީމެއް،" ކޯޗު ބުންޏެވެ.

މިރޭގެ މެޗުގައި އިނގިރޭސި ޓީމަށް ބަދަލު އަންނާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.

ވެމްބްލީގައި ކުޅޭ މި މެޗުގެ 14 ވަނަ މިނިޓްގައި މެޗު ހުއްޓާލާނެ އެވެ. އެއީ ހުސްވި ހަފުތާގައި ނިޔާވި ނެދަލޭންޑްސް އާއި ބާސެލޯނާ އަދި އަޔެކްސްގެ ކުރީގެ ފޯވަޑް ޔޯހަން ކްރައިފް އަސް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ. އޭނާ އަށް އިހްތިރާމްއަދާކުރުމުގެ ގޮތުން އިނގިރޭސިން ވެސް މި މެޗުގައި ކަޅު ބޭންޑް އަޅާނެ އެވެ.