އައިޖީއެމްއެޗް

އައިޖީއެމްއެޗަށް ދިވެހި 50 ނަރުހުން ހޯދަނީ

Mar 29, 2016

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް 50 ނަރުހުން ހޯދަން އިއުލާނުކޮށްފި އެވެ.

އައިޖީއެމްއެޗްގެ ޑެޕިއުޓީ އެގްޒެކެޓިވް ސީއީއޯ މުހައްމަދު ރިޝްވާން މިއަދު ވިދާޅުވީ ހޮސްޕިޓަލަށް އިތުރު ނަރުހުން ހޯދަނީ ހޮސްޕިޓަލަށް ގެންނަ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

"ދިވެހި ނަރުހަކަށް ވެއްޖެނަމަ ވަޒީފާ ލިބޭނެ. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިން. އެހެންވެ ދިވެހން ހޯދަމުން މިދަނީ،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހުރި ތިއޭޓަރުތައް ރިނޮވޭޓްކޮށް އާ ތިއޭޓަރުތަކެއް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށެވެ.

"ފުރަތަމަ ކަމަށްވެއްޖެނަމަ މިހާރު ހުރި ތިއޭޓަރުތައް ރިނޮވޭޓްކޮށްފައި މި ހުޅުވަނީ. އެހެންވެ އައިޖީއެމްއެޗްގެ ބާ އިމާރާތުގައި ފަސް ތިއޭޓަރު. އެގާރަ ބުރީގައި އަނެއް ތިން ތިއޭޓަރު. އިތުރު ތިއޭޓަރެއް ހުޅުވެނީ. މި ތިއޭޓަރަށް އިތުރަށް މީހުން ބޭނުންވާނެ،" ރިޝްވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ހިތުގެ ބަލިތަކަށް ހާއްސަ "ކެތުލެބު" ވެސް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށެވެ.

"އެތަނަށްވެސް ކުދިން ބޭނުންވާނެ. އަދި އިތުރު ދެ ހިދުމަތް ފައްޓަން އެބައުޅެން. އައިސީޔޫ 15 ބެޑަށް ބޮޑު ކުރާއިރު އެތަނަށް ކުދިން ބޭނުންވޭ. އެހެންވެ އޮޑިޓެއް ހެދުމުން އެނގުނީ އިތުރު ނަރުހުން ބޭނުންވާކަން. އެހެންވެ އިތުރު ނަރުހުން ހޯދަނީ،" ރިޝްވާންޗ ވިދާޅުވި އެވެ.

އައިޖީއެމްއެޗުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ރެޖިސްޓަރޑް ނަރުހުންނަށް މަރުހަބާ ކިޔާ ކަމަށެވެ. މި މަގާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުން ކަމަށެވެ. އަދި މި މަގާމަށް ޝައުގުވެރިކަން ހުރި މީހުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިއުލާނު ކުރުމަށް ކަމަށެވެ.