ދުނިޔެ

ޓައިވާންގައި ހަތަރު އަހަރުގެ ކުއްޖެއްގެ ބޯ ކަނޑާލައިފި

ޓައިވާންގައި ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ބޯ ކަނޑާލައިފި އެވެ. މިއީ ޓައިވާންގައި ހޯމަ ދުވަހު ހެނދުނު ހިނގި ހާދިސާއެކެވެ.

މި ތުއްތު ކުއްޖާއަށް މި ހަމަލާ ދީފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. އަދި މިހަމަލާ ދީފައިވަނީ އެ ކުއްޖާ މަންމައާއެކު ޓައިޕޭގެ މެޓްރޯ ސްޓޭޝަނަށް ދިޔަ މަގުމަތީގަ އެވެ. މި ފިރިހެން މީހާ މި ހަމަލާ ދީފައިވަނީ އެ ކުއްޖާގެ މަންމަ ވެސް ބަލަހައްޓައިން ހުއްޓަ އެވެ.

މަރުވި ތުއްތު ކުއްޖާގެ މަންމަ ބުނި ގޮތުގައި، އޭނާގެ ދަރިފުޅު ދިޔައީ ކުރިމަތިން ބައިސްކަލު ދުއްވާފަ އެވެ. ނަމަވެސް ވަކި ހިސާބުން ފުރޮޅަށް ކޮންމެސް ކަމެއް ވެގެން، އެ ކުއްޖާ މަންމަ އަންނަން ދެން މަޑުކޮށްގެން އިން ކަމަށެވެ. އެއާއެކު ފެނުނީ، ފިރިހެނަކު އޭނާގެ ދަރިފުޅު ކައިރިއަށް ގޮސް ވަޅިން ބޯ ކަނޑައިލިތަން ކަމަށެވެ. އެމީހާ ދުރަށް ޖައްސަން ކޮއްޕާލެވުނީ ދަރިފުޅުގެ ބޯ ކަނޑާލިފަހުން ކަމަށް ވެސް ބުންޏެވެ.

މަރާލި ތުއްތު ކުއްޖާގެ މަންމަ ހަޅޭއްލަވާތަން އަޑު އިވުމުން، އެ ސަރަހައްދުގައި ތިބި މީހުން އެއްވެ ހަމަލާ ދިން މީހާ ހިފެހެއްޓިއެވެ. ފުލުހުންވަނީ އެ މީހާ ހައްޔަރުކޮށް ސްޓޭޝަންގެތެރޭ ބަންދު ކޮށްފައެވެ.