ދިވެހި ސިނަމާ

ނަހުލާގެ ފިލްމު ހާއްސަވާ ހަ ސަބަބު!

އިތުރު ތައާރަފަކަށް ބޭނުން ނުވާ ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އާ ފިލްމަކީ "4426" އެވެ. ނުވަތަ "ފޯފޯޓޫސިކްސް" އެވެ. ފިތްކަނޑައިގެންދާ ވަރަށް ބިރުވެރި ފިލްމެއް ކަމަށް ބުނެވެ އެވެ. މަރާ ހަނގުރާމަކުރަމުން އަންނަ ދިވެހި ފިލްމީ ދާއިރާގެ ބައްޔަށް ޝިފާއެއް ހޯދައި، އޮލިމްޕަހަށް ވަންނަ މީހާ ނިދިގެން ނުވެއްޓޭ ވަރުގެ ޑޯޒެއް ދޭނެ ފިލްމެއް ކަމަށް ބުނެވެ އެވެ.

މި ފިލްމެއްގެ ހާއްސަ ވާހަކަތައް ފެށިގެން އަންނަނީ މިފަދަ އިބާރާތްތަކަކުންނެވެ. އެކަމަކު އަދި މިވަރުނުކޮށްލިޔަސް މިއީ ކިހާ މުހިންމު ފިލްމެއްކަން ނަހުލާ އެ ވަނީ ފިލްމުގެ ރަސްމީ ލޯންޗިން އިވެންޓްގައި ވެސް ސާބިތުކޮށްދީފަ އެވެ. ނަހުލާ އާއި އޭނާގެ ފިރިމީހާ ސިނާންގެ ކައިވެންޏަށް 25 އަހަރު ފުރުމާ ދިމާކޮށް މި ފިލްމެއް އޭނާ ލޯންޗުކުރުމަކީ ވެސް އޭނާގެ ހާއްސަކަން އެނގިގެންދާ ވަރުގެ ކަމެކެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ނަހުލާ މަސައްކަތް ފަށައިގެން މި އުޅެނީ އާދައިގެ ފިލްމެއް އުފެއްދުމަކަށް ނޫން ކަމެވެ. އެހެންވީމަ ނަހުލާގެ އާ ފިލްމު މިވަރަށް ހާއްސަވާ ހަ ސަބަބަކަށް އެނބުރިގަންނަމާ ހިނގާށެވެ.

ފިލްމުގެ ޕޯސްޓަރު

އެއީ ހޮލީވުޑްގެ ފިލްމެއްގެ ޕޯސްޓަރުން އިރާލައިގެން ގެނެސްފައި އޮތް ތަންގަނޑަކާއި ބޮލީވުޑްގެ ފިލްމެއްގެ ޕޯސްޓަރެއްގެ ތަންގަނޑެއް އެއްކޮށްލައިގެން ހަދާފައިވާ ޕޯސްޓަރެކޭ ބަޔަކު މީހުން ބުނެފާނެ އެވެ. ނަހުލާ އާއި އޭނާގެ ޓީމުން "4426" ގެ މި ޕްރޮމޯޝަނަލް ޕޯސްޓަރެއް އާންމުކުރި ހިސާބުން ފެށިގެން ސޯޝަލް މީޑިއާގައި މިހާރު ވެސް "ކޮޕީ ޕޯސްޓަރުގަނޑެކޭ" ކިޔާފައި ހެއްދެވި ނެހެއްދެވި އަށް ގޮވާ ބަޔަކު އެބައުޅެ އެވެ.

އެމީހުންގެ އެ ފާޑުކިޔުމަށް އަޅާލާނެ ކަމެއް ނެތެވެ. އެއަށް ވުރެ ބޮޑު ސަމާލުކަމެއް ދޭންވީ ނަހުލާގެ މި ފިލްމުގެ ޕޯސްޓަރުން އުފައްދައިދިން ޕޮޒިޓިވް ވައިބަށެވެ.

ފިލްމުގެ ޕޯސްޓަރު "ހޮލީވުޑްގައި ޖިންނި އަވަލާ ޒާތަކަށް ގޮސް މޮޔަވެފައި އޮތަކަސް" ފާހަގަކޮށްލަން ޖެހެނީ މިއީ ދިވެހި ސިނަމާ އަށް ބޭނުންވާ ތާޒާ ބަދަލެއް ކަމެވެ. ފަހަރެެއްގައި މި އައިޑިއާއެއް މުޅިން އޮރިޖިނަލް ހިޔާލަކަށް ނުވެދާނެ އެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ!

އުފާކުރަންވީ ނަހުލާ އުފައްދާ އަދި ޑައިރެކްޓްކުރާ ބިރުވެރި ފިލްމުގެ ޕޯސްޓަރު އަރާމަގު ދޮންކަމަނައެއްގެ ޕޯސްޓަރެއްހެން އުފެދިގެން ނައިތީ އެވެ. ނުވަތަ ބިރުވެރި ދިވެހި އެހެން ފިލްމެއްގައި ދައްކުވައިދޭ ފަދަ ނުވަތަ ބިރުވެރި ހުރިހާ ދިވެހި ފިލްމުތަކެއްގައި ދައްކުވައިދޭ "ރަތް ލިބާސްލީ ހަންޑި" މި ފިލްމުގެ ޕޯސްޓަރުން ފެންނަން ނެތުމުންނެވެ.

ފިލްމުގެ ޕޯސްޓަރުން އުފެއްދި ޕޮޒިޓިވް އެނާޖީ ވަރަށް ވެސް ބޮޑެވެ. ޕޯސްޓަރުން އެކަނި ވެސް ބައެއް މީހުން ބިރުގަންނުވާލިކަން ޔަގީނެވެ.

ނަހޫ ސްޓައިލް އަށް ޓާޓާ!

ދިވެހި ފިލްމީ ދާއިރާގައި ގޮތްދޫނުކުރާނެ ނުވަތަ ބަދަލަކަށް ފުރުސަތުނުދޭނެ ކަމަށް ބަޔަކު ހީކުރި އެއް ނަމަކަށް ޑައިރެކްޓަރު ނަހުލާ ވާނެ އެވެ. އެކަމަކު ދިވެހި ސިނަމާގެ ރޫހާއި ފޯރިއަށްޓަކައި ނަހޫ، ނަހޫ ސްޓައިލް ވެސް ދޫކޮށްލީ އެވެ. އިންގިލާބަކީ މިއީ ނޫންތޯ އެވެ!!

ނަހޫ ސްޓައިލް އަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ މެލޮޑްރާމާގެ އެންމެ އެކްސްޓްރީމް އަދި ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ރިހަގަނޑެވެ. ނަހޫގެ ނަމުން މި ފިލްމުތަކަށް ނަން ދެވުމުގެ ސިއްރަކީ އޭނާ އަށް ވުރެ ވަކި މޮޅު ކައްކާއެއް މިފަދަ ފިލްމުތަކަކަށް ރާއްޖެއިން ލިބެން ނެތް ހަގީގަތެވެ.

އެކަމަކު އެންމެފަހުން އެ ހާއްސަ ސިފަ ދޫކޮށް ނަހުލާ މުޅިން އާ ޗެލެންޖަކަށް އަތުކުރިއޮޅާލުމަކީ އޭނާ އަށް ތައުރީފުގެ ފިނިފެންމާ އެއްލައި ޖަހަން ވެސް ޖެހޭ ވަރުގެ ކަމެކެވެ.

މި ފިލްމަކީ ނަހޫ ސްޓައިލެއް ނޫން ކަމަށް ވަނީ ނަމަ ޔަގީނަށް ވެސް އެއީ ފިލްމުގެ ހާއްސަ ސިފައެކެވެ.

ލިޕް ސިންކް ހެޑަށް އޮޅެނީ!

ލިޕް ސިންކްކުރުން ހުއްޓާލާފައި ތަންކޮޅެއް ހަރުދަނާ ގޮތަކަށް ނުވަތަ ބޮލީވުޑްގެ އެ މެލޮޑްރާމާ އިން ދިވެހި ސިނަމާ ސަލާމަތްވާ މަންޒަރު ބަލަން އަޅުގަނޑު ބޭނުމެވެ. އަދި ވަރަށް ގިނަ އެހެން ދިވެހިން ވެސް މިގޮތް ބޭނުންވެ އެވެ. ލިޕް ސިންކްކުރުން ހުއްޓާލުމަށް ގޮވާލަމުން އައި މި ގޮވާލުމުގައި އެންމެ ފަހުން ނަހުލާ ވެސް ހިފީތީ އެކަމަށް އަތްޖަހަން ޖެހެ އެވެ.

ތަޖުރިބާކާރު ޑައިރެކްޓަރުންގެ ގޮތުގައި ތިބި އަމްޖަދު އިބްރާހީމް އާއި އަބްދުލް ފައްތާހުމެން ފަދަ ކުޅަދާނަ ހުނަރުވެރިން މިފަދަ ބަދަލަކާ ބައްދައިގަންނާނީ ކޮން ދުވަހަކުން ކަމެއް އަދިވެސް ނޭނގެ އެވެ. އެކަމަކު ހަގީގަތަކީ އަދި އެންމެ ބޮޑު އުފަލަކީ ނަހުލާ މި ބަދަލު ބަލައިގަނެ އެއަށް އަމަލުކުރަން ފަށައިފި ކަމެވެ.

ސަބަބަކީ ދިވެހި ސިނަމާގެ އިންޖީނު ފައިސާޖަހާ މެޝިނެއް ފަދައިން ހިންގަން އެނގޭ ހަމައެކަނި މީހަކީ ނަހުލާ ކަމަށްވުމެވެ.

ނަހުލާ އެންމެފަހުން ބިރުވެރި ފިލްމެއް އުފެއްދުން!

މިއީ ދިވެހި އެތައް ކިޔުންތެރިންތަކެއްގެ ހުވަފެން ހަގީގަތަށްވުމެވެ. އެމީހުން ގާތު، މިހާތަނަށް ކިޔުނު އެންމެ ބިރުވެރި ދިވެހި ވާހަކަ އަކީ ނުވަތަ އެންމެ މަޝްހޫރު ބިރުވެރި ވާހަކަ އަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ޖަވާބުގައި ބުނާނީ އެއީ ނަހުލާގެ "މަންޖެ" ކަމަށެވެ. ހަގީގަތަކީ މިއީ އެވެ.

ނަހުލާ އަކީ ބިރުވެރި ވާހަކައަކުން ދިވެހި ރާއްޖެ ފިތްކަނޑުވާލި ވާހަކަ ލިޔުންތެރިއެކެވެ. ހަގީގަތުގައި ބިރުވެރި ފިލްމެއް ގެނެސްދިނުން މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ.

މަޝްހޫރު ބިންމާ އިބްރާހިމް ވަހީދުގެ ބިރުވެރި ރަހަ އަށް ދިވެހި ސިނަމާގައި ބޮއްކެއް ނުކެކެ އެވެ. ހަގީގަތުގައި ވެސް ބިންމާގެ ބިރުވެރި ވާހަކަތައް މަތިން ވަރަށް ގިނަ ބަޔަކު ތިބީ ފޫހިވެފަ އެވެ. ބިންމާގެ ކްލެސިކް ޖިނާ އެންމެފަހުން ބޮޑު ސްކްރީނަށް އެނބުރި އައިސްގެން ވެސް މާ ބޮޑު ވަރެއް ނުކުރެވުނެވެ.

އެހެންވީމަ ފަހަރެއްގައި މިއީ ނަހުލާ އެ ބުނާ ބިރުވެރި އިންގިލާބަށް ދިވެހި ސިނަމާ ދޮންވެ ފައްކާވެފައި އޮތް ވަގުތެވެ. ނަހުލާގެ މޮޅު ކަމަކީ ވަގުތާއި ހާލަތަށް ބަލައިގެން ކުޅެން އެނގޭ ޑައިރެކްޓަރަކަށް އޭނާވުމެވެ.

ކަޅުބުޅަލެއް!

މި ބުޅަލެއް ފިލްމުގައި ކޯޅިގަންނާނެ ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އެސޮރުގެ ރޯލަކީ ކޮބައިކަމެއް ވެސް އެނގޭވަރެއް ނުވެ އެވެ. އެހެން ނަމަވެސް މި ބުޅަލެކޭ ކިޔުނު އެކްޓަރަކު މި ވަނީ މިހާރު ވެސް ފަލަ ސުރުހީ އަތުލައިފަ އެވެ. އެހެންވީމަ ކަޅުބުޅަލެއް ނަހުލާގެ ފިލްމަށް އައުމަކީ އޭގައި ހާއްސަ ކަމެއް ނުވަތަ ޔަގީނަށް ވެސް ފިލްމު އިތުރަށް ނާމާންކޮށްލާނެ ކަމެކެވެ.

އެންމެން ވެސް ބިސްމިކިޔައިގެން އޮލިމްޕަހަށް ވަންނައްޗެވެ. އެ ބުޅަލެއް ފަހަރެއްގައި ގޮނޑިދަށުން ވެސް ދެމިގެންގޮސްދާނެ އެވެ.

ފިލްމުގެ އާދަޔާހިލާފު ސެޓް!

ބާ އިމާރާތެކެވެ. ބާވެފައި ހުރި މި އިމާރާތް ފިލްމުގެ މަސައްކަތަށް އިތުރަށް ތަރައްގީކޮށް ކަވިކުރަނީ އެވެ. މިއީ މީގެ ކުރިން ދިވެހި ފިލްމެއްގެ މަސައްކަތަކަށް ބަޔަކު މީހުން މަސައްކަތްކޮށްފައިވާގޮތެއް ނޫނެވެ. އާންމުކޮށް ދިވެހި ފިލްމެއް ނަގާ ނަމަ އެއީ މިތާ ކައިރި ފަޅުރަށަކަށް ދަތުރު ދިއުން ކަހަލަ ކަމެކެވެ.

އެކަމަކު ނަހުލާ އާއި އޭނާގެ ޓީމު "4426" ގެ ދަތުރަށް ގޮސްގެން އުޅޭ ގޮތް ވެސް ވަރަށް ތަފާތެވެ.