ދުނިޔެ

އޮބާމާ ދަތުރުފުޅަށް ފިޑެލް ކަސްޓްރޯ ފާޑު ކިޔައިފި

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ކިއުބާއަށް ކުރެއްވި ދަތުރުފުޅަށް، ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކަސްޓްރޯ ފާޑު ވިދާޅުވެއްޖެއެވެ. ކިއުބާގެ ކޮމިއުނިސްޓް ޕާޓީއިން ނެރުނު ފުލް ޕޭޖް ކޮލަމެއްގައި، ފިޑެލް ކަސްޓްރޯ ވަނީ އޮބާމާގެ ދަތުރުފުޅަށް ފާޑު ވިދާޅުުވެ، އޮބާމާ ކިއުބާގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެއީ ބޭކާރު ދަތުރެއް ކަމަށް ސިފަ ކޮށްފައެވެ.

ފިޑެލް ކަސްޓްރޯ ހަރުކަށި އިބާރާތުން އޮބާމާގެ ދަތުރުފުޅަށް ފާޑު ވިދާޅުވި އިރު ކާސްޓްރޯ އެމެރިކާ ސިފަ ކޮށްފައިވަނީ "އެމްޕަޔާ " އެއް ގޮތުގައެވެ. ކުރީގެ ރައީށް ކާސްޓްރޯ ލިޔުއްވި ކޮލަމްގައި ވިދާޅުވެފައިވަނީ ކިއުބާ އިން "އެމްޕަޔާ" އިން އެއްވެސް އެހީ އެއްވެސް އަދި އެއްވެސް އެއްޗެއްވެސް ބޭނުން ނުވާ ކަމަށެވެ.

ކިއުބާއަށް ކޮމިއުނިސްޓް އިންގިލާބު ގެނައި ރައީސް ވަނީ ގޮތް ނޭނގޭ ގޮހުރުގެ ބައްޔަކާ ހެދި، 2008 ގައި އޭނާގެ ކޮއްކޯފުޅު ރައުލް ކަސްޓްރޯ އަށް ވެރިކަން ހަވާލުކޮށްފައެވެ. ނަމަވެސް ފިޑެލް ކާސްޓްރޯ އަކީ އަދިވެސް ކިއުބާގެ ސިޔާސީ ކަންކަމުގައި މުހިންމު މަގާމެއް އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އޮބާމާ ކިއުބާއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ކިއުބާއާއި އެމެރިކާއާއި ދެމެދުގައި އޮތް ހަސަދަވެރިކަން ނައްތާލާ، އެކުވެރިކަމުގެ އާ ދަތުރެއް ފައްޓަން ބޭނުން ފުޅު ވާ ކަމަށެވެ. މިކަމާއި ބެހޭ ގޮތުން ފާޑު ވިދާޅުވަމުން ކުރީގެ ރައީސް ފިޑެލް ކަސްޓްރޯ އޮބާމާގެ ވާހަކަ ސިފަ ކުރައްވާފައިވަނީ މީހަކަށް ހާޓް އެޓޭކެއް ޖެހޭ ވަރުގެ ކަމެއްގެ ގޮތުގައެވެ.

ފިޑެލް ކަސްޓްރޯ މިކަމާއި ހިތްހަމަ ނުޖެހުނަސް، ކިއުބާގެ މިހާރުގެ ރައީސް ވަނީ އޮބާމާއަށް މަރުހަބާ ވިދާޅުވެ، މަޝްވަރާއަށް އެއް މޭޒެއްގައި އިށީނދެވަޑައިގެންފަ އެވެ.