ހަބަރު

ޒިޔާދާއަށް އޭނާގެ ފިރިމީހާ ވަނީ ޖިންސީ އަނިޔާކޮށްފައި: ފުލުހުން

އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހުގެ ރޭ މަރުވި ގދ. ތިނަދޫ، ޒިޔާދާ ނައީމް އަށް އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކުރި ކަމަށް ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ ބައެއް ބޮޑެތި މައްސަލަތަކާއި ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ މައްދަލުވުމެއްގައި ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ، ޒިޔާދާގެ މައްސަލާގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޒިޔާދާއާ މެދު ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ޝާހު ޒިޔާދާއަށް އެގޮތަށް އަނިޔާކޮށްފައިވަނީ އެ ދެމަފިރިން އެކުގައި ދިރިއުޅެމުން ދަނިކޮށް ކަންވެސް އެނގިފައިވާ ކަމަށެވެ.

"ޒިޔާދާގެ ފިރިމީހާ ޝާހު އޭނާއަށް އަނިޔާކުރިކަމަށް ޒިޔާދާ އޭނާ ބެލި ޑޮކްޓަރުންގެ ކައިރީގައި ބުނެފައިވާކަން ތަހުގީގަށް ވަނީ އެނގިފައި. އަދި ހަމަ އެހެންމެ ޝާހު ޒިޔާދާ އަށް އަނިޔާކުރިކަން ވެސް ތަހުގީގަށް ވަނީ އެނގިފައި،" ޝަތީހް ވިދާޅުވި އެވެ.

ޝާހުއާ ޒިޔާދާ އެކުގައި އުޅުމަށްފަހު ފިރިމީހާ ކައިރިން ބައްޕަގެ ގެއަށް ބަދަލުވިފަހުން ބަލިވެ އުޅުނުކަން ފުލުހުން ފާހަގަކުރި އެވެ. އަދި ވިދާޅުވީ ޝާހު ޒިޔާދާއަށް ކުރި އަނިޔާއަށްފަހު އޭނާގެ ހާލު މަޑުމަޑުން ގޯސްވާން ފެށުމުން ތިނަދޫ ހޮސްޕިޓަލުންވެސް ފަރުވާ ހޯދާފައިވާ ކަމަށެވެ.

ޒިޔާދާގެ އޮޓޯޕްސީ ރިޕޯޓުން ޖިސްމާނީ މައްސަލަތައް ވެސް ފާހަގަވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ. އެގޮތުން ދެ އަތުގެ ވަކި ހިސާބެއްގައި ލޭ ގަނޑުވެފައުވުމާއި ބޮލުގެ ހިސާބެއްގައި ލޭގަނޑުވެފައި ހުރިކަން އޮޓޯޕްސީން އެނގިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. ޒިޔާދާގެ ޕޯސްޓްމޯޓަމްގެ މުޅި ރިޕޯޓް އަދިވެސް ނުލިބޭތީ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.