ހަބަރު

ރައީސްގެ މެލެޝިއާ ދަތުރުފުޅު ނިންމަވާލައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.

ރައީސް މެލޭޝިއާއަށް ވަޑައިގަތީ އެ ގައުމުގެ ބޮޑު ވަޒީރުގެ ދައުވަތަކަށެވެ. ބޮޑު ވަޒީރާއެކު ރައީސް ބޭއްވި ބައްދަލުވުމުގައި މެލޭޝިއާއަށްދާ ދިވެހިންނަށް އޮންއެރައިވަލް ވިސާ 90 ދުވަހަށް އިތުރުކޮށްދިނުމަށް މަޝްވަރާކޮށްފައިވެ އެވެ. އަދި މެލޭޝިއާގެ ގައުމީ ތެޔޮ ކުންފުން ރާއްޖެ އަށް ތެޔޮ ވިއްކުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

ރައީސް، ބޮޑު ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ކަލްޗަރަލް ސެންޓަރެއް ގާއިމްކުރެއްވުމަށްވެސް މަޝްވަރާކޮށްފައިވެ އެވެ.

ރައީސް ވިދާޅުވެފައިވަނީ، މެލޭޝިޔާގެ ވިޝަން 2020 ސިޔާސަތު ރާއްޖެއިން ނަމޫނާ އަކަށް ބަލާނެ ކަމަށާއި ރާއްޖެ އާއި މެލޭޝިޔާ އާއި ދެމެދުއޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން އެތައް ތަނެއް އިތުރުވެއްޖެ ކަމަށެވެ.

ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ ބައިނަލް އަގްވާމީ މައިދާނުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި ކޮމަން ވެލްތު ފަދަ ޖަމިއްޔާތަކުގައި މިފަދަ ގައުމުތަކާއި ދޭތެރޭ ނުހައްގުން އަޅާ ފިޔަވަޅުތަކާއި ދެކޮޅަށް ބަސް ބުނުމަށް މެލޭޝިޔާގެ ބޮޑުވަޒީރުގެ ކިބައިން އެދިވަޑައިގެންނެވި އެވެ.