ހޮލީވުޑް

ސްޓީވް ޖޮބްސްގެ ފިލްމުގައި މައިކަލް ފާސްބެންޑާ އާއި ކޭޓް ވިންސްލެޓް

އެޕަލްގެ ބާނީ އަދި ކުރީގެ ސީއީއޯ ސްޓީވް ޖޮބްސްގެ ހަޔާތުގެ މައްޗަށް މިހާތަނަށް ގެނެސްދިން ފިލްމަކީ ބެލުންތެރިން އަދި އެޕަލްގެ ފޭނުން އެހާ ހިތްހަމަޖެހޭ ފެންވަރުގެ ފިލްމެއް ނޫނެވެ. ޖޮބްސްގެ ރޯލަށް ލިއަނާޑޯ ޑިކެޕްރިއޯ ހަމަޖައްސަން އުޅުމުން އެތައް ބަޔަކު އުފަލުން ތެޅިގަތީ ވެސް އެހެންވެ އެވެ.

ނަމަވެސް އެ ރޯލު ކުޅުމަށް ޑިކެޕްރިއޯއެއް ވެސް ނުލިބުނެވެ. އަދި ކްރިސްޓިއަން ބޭލްއެއް ވެސް ނުލިބުނެވެ.

ފިލްމުގައި ޖޮބްސްގެ ރޯލު ކުޅޭނީ މައިކަލް ފާސްބެންޑާ އެވެ. ހަގީގަތަކީ މިއީ ވެސް، ޑިކެޕްރިއޯ

އާއި ބޭލް އަށް ދޫކުރާ ވަރުގެ އެކްޓަރެއް ނޫން ކަމެވެ. އެހެންވީމަ އެޕަލް އާއި ޖޮބްސްގެ ފޭނުން ހާސްވާކަށް ނުޖެހެ އެވެ.

 

"ސްލަމް ޑޯގް މިލިއަނާ" ގެނެސްދިން ޑެނީ ބޮޔޭލް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުން ދެން ފެންނާނެ އެންމެ މަޝްހޫރު މޫނަކީ އިނގިރޭސި ބަތަލާ ކޭޓް ވިންސްލެޓް އެވެ. ފިލްމުގައި ވިންސްލެޓް ކުޅުމަށް ހަމަޖެހިފައި ވަނީ މެކިންޓޮޝްގެ މާކެޓިން ވެރިޔާގެ މަގާމު ކުރިން އަދާކުރި ޖޮއޭނާ ހޮފްމަންގެ ރޯލެވެ.

ފިލްމަށް ޔަގީންވެފައިވާ އެހެން ތަރިންގެ ތެރެއިން ސެތު ރޯޖެން ފެނިގެންދާނީ ސްޓީވް ވޮޒްނައިކްގެ ރޯލުންނެވެ.

ވޯލްޓާ އިސާކްސަންގެ "ސްޓީވް ޖޮބްސް" ބަޔޮގްރަފީގެ އަސްލަށް އުފައްދާ މި ފިލްމަށް ސްކްރިޕްޓް ތައްޔާރުކުރަނީ އެރޯން ސޯކިން އެވެ. 

ފިލްމު އެންމެފަހުން ބެލުންތެރިންނާ ހަމަ އަށް އައުމުގެ ދަތުރު ފަށާފައިވާއިރު މި ފިލްމު އުފައްދާ ސްޓޫޑިއޯ ވެސް މިހާރު ވަނީ ބަދަލުވެފަ އެވެ. "ސްޓީވް ޖޮބްސް" ބަޔޮގްރަފީގެ ރައިޓްސް ގަނެގެން ފިލްމަށް އެންމެ ފުރަތަމަ ތައްޔާރުވި ސޮނީން ވަނީ އެކްޓަރުން ހަމަނުޖެހި މަސައްކަތް ދިގުލައިގެން ދިއުމުން އޭގެ ރައިޓްސް ޔުނިވާސަލް އަށް ވިއްކާލައިފަ އެވެ.